ވޯލްޑްކަޕް ކޮލިފައިންގައި އިންގްލެންޑް ދެން ކުޅޭ ދެ މެޗުގައި ތަޖުރިބާ ކުރުމުގެ ގޮތުން އެއްވެސް ކަމެއް ކުރަން ބޭނުންނުވާ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
ސަރބިޔާ އާއި އަލްބޭނިއާ އާއި ދެކޮޅަށް އިންގްލެންޑް މި ހަފްތާގެ ތެރޭގައި ކުޅޭ ދެ މެޗަށް އިންގްލެންޑް ތައްޔާރުވަމުންދާއިރު އިންގްލެންޑް އޮތީ ގްރޫޕް ކޭގެ އެއްވަނަ މަގާމުގަ އެވެ. ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ހަ މެޗުން މޮޅުވެ އިންގްލެންޑް އިން 18 ޕޮއިންޓް ވަނީ ހޯދާފަ އެވެ.
ސަރބިޔާ އާއި ދެކޮޅަށް މިރޭ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ މެޗުގައި ތަޖުރިބާ ކުރުމުގެ ގޮތުން އެއްވެސް ކަމެއް ކުރަން ބޭނުންނުވާ ކަމަށާއި މި މެޗުގައި ބޭނުންވަނީ ރަގަޅު ކުޅުމެއް ދައްކާ މެޗުން މޮޅުވުމަށްކަމަށް އޭނާ ވަނީ ބުނެފަ އެވެ.
މިދިޔަ ސެޕްޓެމްބަރ މަހު ބެލްގްރޭޑްގައި ސަރބިޔާ އާއި ދެކޮޅަށް ކުޅުނު މެޗުން 5-0 ގެ ނަތީޖާއަކުން އިންގްލެންޑް މޮޅުވެފައިވާއިރު މިއީ ޓުޗެލްގެ އިރުޝާދުގެ ދަށުން އިންގްލެންޑް އިން މިހާތަނަށް ފެނިގެންދިޔަ އެންމެ މޮޅު ކުޅުން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.
ޓުޗެލް އިތުރަށް ބުނެފައިވަނީ އޭނާގެ ވިސްނުން މިވަގުތު ހުރީ ކޮލިފައިންގެ ފަހު ދެ މެޗުން ރަގަޅު ނަތީޖާއެއް ހޯދުމަށް ކަމަށެވެ. އަދި މިވަގުތު ވޯލްޑްކަޕްގެ މެޗުތަކާއި މެދު ނުވިސްނާ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
ކޮލިފައިންގެ ފަހު ދެ މެޗަށްފަހު ވޯލްޑްކަޕްގެ ކުރިން ޓީމު ފައިނަލް ކުރުމަށްޓަކައި އިންގްލެންޑް އިން ވަނީ އެކުވެރިކަމުގެ ދެ މެޗު އަންނަ އަހަރުގެ މާޗު މަހު ޖަޕާން އާއި އުރުގުއޭ އާއި ދެކޮޅަށް ކުޅުމަށް ނިންމާފަ އެވެ.
އަންނަ އަހަރު އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ބޭއްވުމަށް ހަމަޖެފައިވާ ވޯލްޑްކަޕްގެ ގުރު ނެގުން އޮންނާނީ އަންނަ ޑިސެމްބަރ މަހުގެ 5 ވަނަ ދުވަހު އެވެ.