ޚަބަރު

މާލެ ސިޓީގެ ރައްކާތެރިކަމާގުޅޭ ޚާއްސަ މަޝްވަރާތަކެއް


މާލެތެރޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ސަލާމަތީ ބާރުތަކުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ފުލުހުން މަޢުލޫމާތުދެއްވިގޮތުގައި، މިކަމާއި ބެހޭގޮތުން ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ އިސްވެރިންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މާލެ އޭރިޔާގެ އިސްވެރިން ބޭއްވެވި މަޝްވަރާތަކުގައި މާލެތެރޭގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް ޤާއިމްކުރުމަށްޓަކައި ފުލުހުންނާއި ސިފައިން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މި މަޝްވަރާތަކުގައި މާލޭތެރޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި ކަމެއް ދިމާވެއްޖެ ޙާލަތެއްގައި ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް ކަށަވަރުކުރުމުގެ ގޮތުން ފުލުހުންނާއި ސިފައިން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަކީ ކޮބައިތޯބަލައި ވީއެންމެ އަވަހަކަށް އާއްމު ހާލަތަށް ގެނައުމަށް މަސައްކަތްކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވާކަމަށް ފުލުހުން ހާމަކުރައްވައެވެ.

އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ބައްދަލުވުމުގައި, ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ޑެޕިއުޓީ ހެޑް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދު އާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގައި ހިމެނޭ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މާލެއޭރިއާގެ ޑެޕިއުޓީ ކޮމާންޑަރު މޭޖަރ އިސްމާޢީލް ފަރުވީން އާއި މާލޭ އޭރިޔާގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.