ސުލްހަވެރިކަމާއި ސަލާމަތީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީ ދެމެހެއްޓުމަށްޓަކައި މަލްޓިލެޓަރަލް ޕާލިމެންޓަރީ އެއްބާރުލުން އިތުރަށް ހަރުދަނާކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް (އައި.އެސް.ސީ) ގައި ތަޤްރީރުކުރައްވަމުންނެވެ.
މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވަނީ ސުލްހަވެރިކަމާއި ސަލާމަތީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީ ދެމެހެއްޓުމަށްޓަކައި މަލްޓިލެޓަރަލް ޕާލިމެންޓަރީ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް ގޮވާލައްވާފައެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި، ތެދުނޫން މަޢުލޫމާތު ފެތުރުމާއި، އިޤްތިޞާދީ ނުތަނަވަސްކަމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަކީ ގުޅިފައިވާ މައްސަލަތަކެއްކަން ފާހަގަކުރައްވަމުން، މަޖިލީހުގެ ރައީސް ވިދާޅުވީ، ސުލްޙައާއި ސަލާމަތާއި ތަރައްޤީއަކީ ވަކި ލަނޑުދަނޑިތަކެއް ނޫންކަމަށާއި، އެއީ ވަކިނުކުރެވޭ ހަގީގަތްތަކެއްކަމަށެވެ.
ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ތަޖުރިބާއަށް އަލިއަޅުއްވާލައްވަމުން، ވަނީ އެއް ސަރަޙައްދެއްގައި ދިމާވާ މުސީބާތެއްގެ އަސަރު އެ ސަރަހައްދުގެ އެހެން ޤައުމުތަކަށް ވަރަށް އަވަހަށް ފޯރާނެކަން ފާހަގަކުރައްވާފައެވެ. އަދި، މަލްޓިލެޓަރަލިޒަމާއި، ހެޔޮވެރިކަމާއި، އަދި އިންސާފުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަޤްވާމީ ނިޒާމަށް ދިވެހިރާއްޖެއިން ދޭ އަޙައްމިއްޔަތުކަންވެސް ފާހަގަކުރެއްވިއެވެ.
މަޖިލިސް ރައީސްގެ ވާހަކަފުޅުގައި ސާރކް އަދި އޯ.އައި.ސީ. ފަދަ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރިކަން އިތުރަށް ބަދަހިވެފައިވާކަންވެސް ފާހަގަކުރެއްވިއެވެ. އަދި، މިފަދަ ގުޅުން ދެމެހެއްޓުމަށާއި، އިންސާފުވެރިކަމާއި، އަދުލުވެރިކަމާއެކު ތަރައްޤީ ގެނައުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުން ވަރަށް މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރެއްވިއެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވަމުންދާ ތަކުލީފާއި ގޮންޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ޤާނޫނު ހަދާ މަޖިލިސްތަކުގެ އިސްވެރިންނަށް އޯގާތެރިކަމާއި ޒިންމާދާރުކަމާއެކު އަމަލު ކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ.
"ބިރުވެރިކަމާއި އަނިޔާވެރިކަމުގެ މައްޗަށް އަމާން ދުނިޔެއެއް ބިނާ ނުކުރެވޭނެ. އަމާން ދުނިޔެއެއް ބިނާކުރެވޭނީ އުއްމީދާއި އިންސާފާއި އިންސާނީ އެއްބައިވަންތަކަމުގެ މައްޗަށް" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ޓެރަރިޒަމްއާއި، ކަނޑުގެ އަމާންކަން ނެތުމާއި، ސައިބަރ ރިސްކުތައް ފަދަ ނުރައްކާތަކާ ދެކޮޅަށް ޤާނޫނު ހަދާ މަޖިލިސްތަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅަންވެސް މަޖިލީހުގެ ރައީސް ގޮވާލެއްވިއެވެ. އަދި، ޕާލިމެންޓަރީ ޑިޕްލޮމެސީއާއި ޤާނޫނު ހަދާ މަޖިލިސްތަކުގެ އެއްބާރުލުން އިތުރުކުރުމަށް، ސިއޯލް ޑެކްލެރޭޝަންގެ މައްޗަށް ބިނާކޮށް އިސްލާމްއާބާދު ޑެކްލެރޭޝަން އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުން އެހީތެރިވުން ފޯރުކޮށްދޭނެކަން ކަށަވަރުކޮށްދެއްވިއެވެ.