ޚަބަރު

ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރ ފެބްރީޒިއޯ ރޮމާނޯ ރާއްޖެ އަތުވެއްޖެ


  • މީގެ ކުރިންވެސް ފެބްރީޒިއޯ ރާއްޖެ އައިސްފައިވޭ

  • ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރަކަށް އޭނާ ހަމަޖެއްސީ މާޗް 2025 ގައި

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ 'ވިޒިޓް މޯލްޑިވްސް' ގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރ ފެބްރީޒިއޯ ރޮމާނޯ ރާއްޖެ އަތުވެއްޖެވެ.

މީގެ ކުރިންވެސް އެކި ފަހަރުމަތިން ރާއްޖެ އައިސްފައިވާ އިޓަލީގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އަދި ފުޓްބޯޅަ އިންފުލުއެންޒާ މިއަދު ހެނދުނު ރާއްޖެ އައިސްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުން ފެބްރީޒިއޯއަށް މަރުހަބާ ކިޔާފައިވަނީ ވީއެމްސީގެ ޑެސްޓިނޭޝަން މާކެޓިން މެނޭޖަރ އައިމިނަތު ޝަތުރާއެވެ. މީގެ ކުރިންވެސް ރާއްޖެ އައިސްފައިވާ ފެބްރީޒިއޯވަނީ ރާއްޖޭގެ ހިތްގައިމު ތަންތަނާއި މަޝްހޫރު ގޮނޑުދޮށްތައް އޭނާގެ ސޯޝަލް މީޑިއާގައި ޕްރޮމޯޓްކޮށްފައެވެ. އަދި ދިވެހިންނާއެކު ފުޓްބޯޅަ ކުޅުމާއި އެކި ކަހަލަ ހަރަކާތްތަކުގައި ބައިވެރިވެރިފައިވެއެވެ.

ބޭރު ޤައުމުތަކުގެ މީހުންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް، ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ފެބްރީޒިއޯ ހަމަޖެއްސީ މިއަހަރުގެ މާޗުމަހުގެ ތެރޭގައެވެ.

ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރ ފެބްރީޒިއޯ ބުނެފައިވަނީ ރާއްޖެއަކީ ހަމަޖެހުން ލިބޭނެ މަންޒިލެއްކަމަށާއި، ރާއްޖޭގައި ތަޖުރިބާކުރަން އޮތީ ހަމައެކަނި މޫދާއި ގޮނޑުދޮށްތައް ނޫންކަމަށެވެ. އަދި އެއަށްވުރެ ގިނަ ކަންކަން ރާއްޖޭގައި ތަޖުރިބާކުރެވޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

މި ދަތުރުގައިވެސް ފެބްރީޒިއޯ ރާއްޖެ އިޝްތިހާރުކުރުމުގެ އެކި އެކި ހަރާކާތްތަކުގައި ބައިވެރިވާނެއެވެ. އަދި އެތައް މިލިއަން ބަޔަކު ފޮލޯ ކުރާ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ރާއްޖެއަކީ ސްޕޯޓްސް ޓޫރިޒަމް ޑެސްޓިނޭޝަންގެ ގޮތުގައި އަދި ރާއްޖޭގެ ފަތުރުވެރިކަން އެކި ދިމަދިމާލުން ޕްރޮމޯޓް ކުރާނެއެވެ.

އޭނާގެ މި ދަތުރުގެ ބޭނުމަކީ ރާއްޖެއާއިމެދު ދުނިޔޭގެ އެކި ސަރައްދުތަކުގެ މީހުންގެ މެދުގައި ރާއްޖެއަށް ޝައުގުވެރިކަން އިތުރުކުރުވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކުރުމެވެ.

ފެބްރީޒިއޯއަކީ ފުޓްބޯޅައިގެ ހަބަރުތައް ގެނެސްދިނުމުގައި އެންމެ މަޝްހޫރު އެއް ނޫސްވެރިޔާއެވެ. ޚާއްސަކޮށް ފުޓްބޯޅައިގެ ޓްރާންސްފަރ ބާޒާރުގެ ޚަބަރުތަކާއި މައުލޫމާތު އޭނާ ދުރާލާ ހިއްސާކުރެއެވެ. އެކަންކަމާއި ގުޅިގެން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އެތައް މިލިއަން ބަޔަކު ދަނީ ފޮލޯކުރަމުންނެވެ.

ފެބްރީޒިއޯ ވަނީ މީގެ ކުރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްވެސް އެކި ފަހަރު މަތިން ޒިޔާރަތްކޮށްފައެވެ.