ޚަބަރު

އެސްޑީއެފްސީ ރީބްރޭންޑްކޮށްފި، މިހާރު އެސް.އެމް.އީ ޑިޖިޓަލް


  • ވިޔަފާރިތަކަށް ވަށާޖެހޭ ޑިޖިޓަލް ހައްލުތަކެއް ތަޢާރަފްކުރާނެ

  • މުޅި ރާއްޖެއަށް ހުޅުވާލެވޭ އޮންލައިން މާކެޓްޕްލޭސްއަށް ތަޢާރަފްކުރާނެ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ރަސްމީކޮށް ރީބްރޭންޑްކޮށް ކުންފުނީގެ ނަން 'އެސްއެމްއީ ޑިޖިޓަލް' އަށް ބަދަލުކޮށްފިއެވެ. އެސްޑީއެފްސީ މިހާރު ހިނގަމުން ދަނީ ބޭންކް އޮފް މޯލްޑިވްސްގެ ދަށުންނެވެ.

ކުންފުނީގެ ނަން ބަދަލުކޮށްފައި މިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ކުންފުނީގެ ހިއްސާދާރުން ހާއްސަގޮތުން ބާއްވާ އާންމު ޖަލްސާގައި ފާސްކޮށްގެންނެވެ. އޭގެ ފަހުން މިހާރު އިޤްތިޞާދީ ވުޒާރާގައި މި ނަން ރަޖިސްޓްރީކޮށްފައިވާކަމަށް އެކުންފުނިން ވިދާޅުވިއެވެ.

އެސްއެމްއީ ޑިޖިޓަލް ވެގެންދާނީ ހުރިހާ ސިނާއަތެއްގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ތަފާތު އެކި ހިދުމަތްތައް ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމަކަށް ކަމަށް އެކުންފުނިން ވިދާޅުވިއެވެ. އަދި ކުންފުނީގެ ނަމަށް އައި ބަދަލާއެކު ކުންފުނީގެ ހިދުމަތްތައް ދެން ބައްޓަންވެގެންދާނީ، މިހާރެކޭ އެއްގޮތަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިންގ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، އެ ވިޔަފާރިތަކުގެ މާލީ މުޢާމަލާތްތައް ބެލެހެއްޓުމަށާއި، ވިޔަފާރީގެ ހިންގުންތެރިކަން މަތިކުރުމަށާއި، މާކެޓަށް ނިކުތުމަށް މަގުފަހި ކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވިއެވެ. އަދި މިބަދަލާއެކު ވިޔަފަރީގެ އެކި މަރުހަލާއަށް ބޭނުންވާ، އިންޓަގްރޭޓެޑް ވަސީލަތްތައް ފޯރުކޮށްދޭ މާލީ އިދާރާއަކަށް އެކުންފުނި ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ބީއެމްއެލްގެ ސަބްސިޑިއަރީއަކަށް ދާދި ފަހުން ބަދަލުވުމަށްފަހު، ބީއެމްއެލް އާއިއެކު ކުރެވޭ އިންޓެގްރޭޝަން މަސައްކަތްތަކުގެ ތެރެއިން ބީއެމްއެލްގެ މޯބައިލް ބޭންކިންގ އެޕާއި އޭޕީއައި އިން ގުޅުވާލައި ބީއެމްއެލްގެ މޮބައިލް އެޕްގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ފައިސާ ދެއްކޭނެގޮތްވެސް މިހާރު ވަނީ ކަސްޓަމަރުންނަށް ފަހިކޮށްދީފައިއެވެ.

ކުންފުނީގެ ރީބްރޭންޑިންގ އާއެކު އެސްއެމްއީ ޑިޖިޓަލްގެ މޯބައިލް އެޕް ވަރަށް އަވަހަށް ތައާރަފް ކުރާނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވެއެވެ. މި އެޕްގެ ތެރެއިން ކަސްޓަމަރުންގެ ޕްރޮފައިލްގެ މައުލޫމާތު އަޕްޑޭޓްކުރުމާއި ފައިނޭންސިންގ ފެސިލިޓީތަކުގެ މައުލޫމާތު ލިބެން ހުންނާނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވިއެވެ. މީގެ އިތުރުން މުޅި ރާއްޖެއަށް ހުޅުވާލެވޭ ޑިޖިޓަލް މާކެޓްޕްލޭސްއެއް ކުރިއަށް އޮތް އަހަރު ތެރޭގައި ތައާރަފް ކުރުމަށްވެސް އެކުންފުނިން ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ. މި އެޕްލިކޭޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިޔަފާރިވެރިންނާއި، ޚިދުމަތް ހޯދާ ފަރާތްތަކާއި، އަދި ވިޔަފާރީގެ ބައިވެރިން ގުޅުވައިދޭނެ މަގެއް ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވިއެވެ.

ރީބްރޭންޑިންގއާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މި ރީބްރޭންޑިން އަކީ އީޖާދީ ޙައްލުތަކާއި، ޒަމާނީ ޓެކްނޮލޮޖީއާއި، އަދި ހުރިހާ ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުން ހިމެނޭގޮތަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މުޅި ނިޒާމު އަލުން ބައްޓަންކުރުމަށް އަޅުގަނޑުމެން ވެފައިވާ ވަޢުދުގެ ފެށުމެއް ކަމަށެވެ. މިއަދުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވަނީ ހަމައެކަނި މާލީ އެހީތެރިކަމެއް ނޫން، މީގެ އިތުރުން، ވިޔަފާރި ގުޅުންތައް ބިނާކުރުމާއި، ފަންނީ މަޢުލޫމާތު ހޯދުމާއި، ޑިޖިޓަލް އުމްރާނީ ވަސީލަތްތަކާއި، އަދި ދެމެހެއްޓެނިވި އެހީތެރިކަން ބޭނުންވާކަން ފާހަގަކޮށް ބަދުރުއްދީން ވަނީ އެސްއެމްއީ ޑިޖިޓަލްއިން މި ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އެސްއެމްއީ ޑިޖިޓަލް އަކީ ރާއްޖޭގައި އެމްއެސްއެމްއީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދޭ، އެންމެ ޒަމާނި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ، އިސްލާމީ ޝަރީޢާއާއި އެއްގޮތްވާގޮތަށް ޤާއިމުކުރެވޭ ފުރަތަމަ މާލީ މުއައްސަސާ އެވެ. މި އިދާރާގެ އާ ބްރޭންޑް އައިޑެންޓިޓީއާއި އަލަށް ތައާރަފްކުރެވޭ ޑިޖިޓަލް ވަސީލަތްތައް އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށްފަހު ތަފާތު މަރުޙަލާތަކެއްގެ ތެރެއިން ތައާރަފުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ވިދާޅުވިއެވެ.