އަންނަ ރަމަޟާންމަހު މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުންނަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ، މާލެއާއި ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ދިވެހި ޙާފިޡުންނަށް އެ ފުރުޞަތު ހުޅުވާލާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، 1447 ވަނަ އަހަރު މާލެސިޓީގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ދިވެހި ޙާފިޡުން ކަނޑައެޅިފައިވާ ފޯމާއި، ލިޔުންތަކާއެކު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ވާނެ ކަމަށެވެ. އަދި ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ދިވެހި ޙާފިޡުންވެސް އެ މުއްދަތުގެ ތެރޭގައި ހުށަހެޅުމަށް އެވުޒާރާއިން ވަނީ އެދިފައެވެ.
މީގެއިތުރުން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި، އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާއިން ފޯމާއި، އެހެނިހެން ލިޔުންތައް އަންނަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. ދިވެހި ޙާފިޡުންނަށް އެލަވަންސް ފައިސާ ދެނީ، އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެއަކަށް 500 ރުފިޔާގެ މަގުންނެވެ. އަދި ގިނަވެގެން ފައިސާ ދޭނީ، މިސްކިތަކަށް ދިވެހި 2 ޙާފިޡުންނަށް ކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ. އަދި ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ހުއްދަ ދޭނީ، މާލެ ސިޓީ ފިޔަވައި އެހެން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި، އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާތައް މެދުވެރިކޮށް ހުށަހަޅުއްވާ ލިޔުންތަކަށް ބެލުމަށްފަހުގައި ކަމަށެވެ.
ދިވެހި ހާފިޒުންނަށް މި ފުރުޞަތު ހުޅުވާލާފައިވާއިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރާނެ ރާއްޖެއިން ބޭރުގެ ޙާފިޡުން ރާއްޖެއަށް ގެނައުމުގެ ހުއްދައަށް އެދުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ. އެގޮތުން އެކަމަށް ކަނޑައަޅާފައިވާ ފޯމާއި، ލިޔުންތަކާއެކު އަންނަ އަހަރުގެ ޖެނުއަރީ 11 ކުރިން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
ރަމަޟާން މަހު ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރައްވާ ރާއްޖެއިން ބޭރުގެ ޙާފިޡަކަށް އެލަވަންސް ފައިސާ ދެނީ، ރަމަޟާން މަހުގައި ކުރާ ތަރާވީޙު ނަމާދުގައި އިމާމުކަން ކުރުމަށް ރާއްޖެއިން ބޭރުގެ ފަރާތްތައް ގެނައުމާ ގުޅޭ އުސޫލުގައިވާ ގޮތުގެ މަތިން އާބާދީގެ ނިސްބަތުންނެވެ. މިގޮތުން ރާއްޖެއިން ބޭރުގެ ޙާފިޡުންނަށް އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެއަކަށް 200 ރުފިޔާގެ މަގުން ފައިސާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގައި މަސައްކަތްކުރާ ރާއްޖެއިން ބޭރުގެ ޤައުމުތަކުގެ މީހުންނަށް ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރުމުގެ ހުއްދަ ދެވޭނީ، ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ (ވަރކްޕާމިޓް) އޮންނަ، އަދި އެފަދަ ދާއިރާއަކާ ގުޅޭ މުއައްސަސާއެއް މަރުކަޒެއް ނުވަތަ ޤުރުއާން ކުލާހެއްގައި މަސައްކަތް ކުރައްވާ އަދި ޙާފިޡު ކަމުގެ ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.