ކުޅިވަރު

ލެވޮންޑޯސްކީ ގޮސް ނޭމާ ފަހާލައިފި


ބާސެލޯނާ އަށް ކުރިން ކުޅުނު ބްރެޒިލްގެ ފޯވަޑް ނޭމާ ޖަހަފައިވާ އަދަދަށްވުރެ ގިނަ ގޯލު ރޮބަޓް ލެވޮންޑޯސްކީ އެ ޓީމަށް ޖަހައިދޭން ތައްޔާރު ވެއްޖެ އެވެ.

ރެއާލް ސޮސިއެޑާޑް ކޮޅަށް އޭނާ ޖެހި ތިން ގޯލާއެކު ލެވޮންޑޯސްކީ އެ ޓީމަށް ޖަހައިދިން ގޯލުގެ އަދަދު މިހާރު ވަނީ 105 އަށް އަރައިފަ އެވެ. ނޭމާ ވެސް އެ ޓީމަށް ޖަހާދީފައިވަނީ 105 ގޯލެވެ. ނަމަވެސް މި ސީޒަނުގެ ބޮޑުބައި އަދި ކުރިއަށް އޮތުމާއެކު ޕޮލެންޑްގެ 37 އަހަރުގެ ފޯވަޑް ލަނޑު ލިސްޓުގައި ކުރިއެރުންތަކެއް ހޯދާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.

އަދި ލެވޮންޑޯސްކީ މި ސީޒަނުގެ ބާކީ ބައިގައި ގިނަ ގޯލުތަކެއް ޖަހައިފިނަމަ އޭނާ އަށް ބާސެލޯނާ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ގަދަ 10 ކުޅުންތެރިންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ވެސް އެބައޮތެވެ. ގަދަ 10 ވަނާގައި މިހާރު އުޅޭ ކުޅުންތެރިއަކީ މރިއާނޯ މާޓިން އެވެ. އޭނާ ޖަހާފައިވަނީ 129 ގޯލެވެ.

ބާސެލޯނާ އަށް އެންމެ ގިނަ ގޯލު ޖަހާދީފައިވާ ކުޅުންތެރިންއަކީ އެ ޓީމުގެ ކުރީގެ ކެޕްޓަން އާޖެންޓީނާގެ ލަޔޮނަލް މެސީ އެވެ. އޭނާ ވަނީ 672 ގޯލު ޖަހާދީފަ އެވެ. ދެ ވަނާގައިވަނީ 232 ގޯލާއެކު ސިއޭޒާ އެވެ. ތިން ވަނާގައިވަނީ އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް އެވެ. އޭނާ ޖަހާފައިވަނީ 198 ގޯލެވެ.