ޚަބަރު

ވަޒީރު ޑރ. ޝަހީމް ސަޢުދީ އެއަރލައިންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފި


  • ދިވެހި ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ދެއްވަވާ ޚިދުމަތްތަކަށް ޝުކުރު އަދާކުރެއްވި

  • ޙައްޖު މޫސުމުގައި ސަޢުދީ އެއަރލައިނުން ދޭ އެހީއަށް ޝުކުރު އަދާކުރެއްވި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ އެއަރލައިންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުންތައް ކުރިއަށް ގެންދިޔައީ، ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާއި ބެހޭ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާން އަލްރާބިޢާގެ ދަޢުވަތަކަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ސަޢުދީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާއި ދެމެދު ދަތުރުތައް އޮތުމަކީ ދިވެހި ރައްޔިތުންނަށާއި، ޚާއްސަކޮށް ޙައްޖާއި ޢުމްރާއަށް ދާ ފަރާތްތަކަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ކޮންމެ ޙައްޖު މޫސުމެއްގައި ދިވެހި ޙައްޖުވެރިން އުފުލުމުގައި ވަރަށް އިސްކަމެއް ދެއްވައިގެން ސަޢުދީ އެއަރލައިނުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގު ވަޒަންކޮށް، ދިވެހި ސަރުކާރުން އެކަން ފާހަގަކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ، ސަޢުދީ އެއާަރލައިންގެ ފަރާތުން ދިވެހި ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ދެއްވަވާ ޚިދުމަތްތަކާއި، ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް އަދި ސަޢުދީ އެއަރލައިންގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހި ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ އިސް އޮފިޝަލުންވެސް ބައިވެރިވެ ވަޑައިގަތެވެ.

ވަޒީރު ސަޢުދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރ ޑރ. ތަޢުފީޤް އަލްރާބިޢާއާއި ބައްދަލުކުރެއްވުމުގެ އިތުރުން ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު ޙައްޖުގެ ޚިދުމަތާއި ބެހޭ އެއްބަސްވުމުގައިވެސް ވަނީ ސޮއިކުރައްވާފައެވެ.