ޚަބަރު

ބަޖެޓު 2026: އާސަންދައިން ބޭހަށް ކުރާ ޚަރަދުން 49 މިލިޔަން ރުފިޔާ ސަމާލަތްކުރެވޭނެ


  • 15 ބޭހެއް ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިން ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން

  • މިއަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ޚަރަދުން 10 މިލިޔަން ރުފިޔާ ސަލާމަތްކުރެވުނު

ބޭސް އެތެރެކުރުމަށް ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ ބަލްކް ޕްރޮކިއުމަންޓް އުސޫލާއެކު އަންނަ އަހަރު 49.9 މިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުން ހާމަވެއްޖެއެވެ. މިބަދަލަކީ 15 ބޭހެއް ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިން ގެނައުމުން އަންނަ ބަދަލެކެވެ.

ރާއްޖޭގައި ބޭސްފަރުވާގެ ޚަރަދުތައް ހަމަޖައްސަނީ، ޤައުމީ ހެލްތު އިންޝުއަރެންސްގެ ނިޒާމުގެ ތެރެއިންނެވެ. އެގޮތުން އާސަންދައިގެ ދަށުން ބޭސް އެތެރެކުރުމަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ އަހަރަކު އަންނަނީ ހޭދަކުރަމުންނެވެ. ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހޭދަކުރާ އިންސައްތަ ބޮޑުތަނުން އިތުރުކަން ފާހަގަކުރެވެއެވެ. އެހެންކަމުން ނިޒާމުގައި ހުރި މައްސަލަތައް ހައްލުކޮށް އަގުހެޔޮކޮށް، ކޮލިޓީ ބޭސް އެތެރެކުރުމަށް ބަލްކް ޕްރޮކިއުމަންޓް އުސޫލުން މިހާރުވަނީ ބައެއް ބޭސް އެތެރެކުރުމުގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން ތަންފީޒުކުރަން ފަށާފައެވެ.

15 ބޭހެއް ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިން ގެނައުމުގެ މަސައްކަތް ފަށާފައިވާއިރު، މިއަހަރުގެ އޮކްޓޫބަރު މަހާއި ހަމައަށް މިބޭސްތައް ގެނައުމަށް ކުރަމުންދިޔަ ޚަރަދުގެ ތެރެއިން 10 މިލިޔަން ރުފިޔާ ސަލާމަތްކުރެވިފައިވާކަމަށް އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައިވަނީ ފާހަގަކޮށްފައެވެ. އަދި މިހާރު ކުރަމުންދާ އުސޫލުގެ ދަށުން އަންނަ އަހަރު މިބޭސްތައް ގެނައުމުން 49.9 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ބަޖެޓުގައިވަނީ ހާމަކޮށްފައެވެ.

ބަޖެޓުގައިވަނީ މިދިޔަ އަހަރު އަންދާޒާ ކުރި މިންވަރަށް ބޭހަށް ކުރި ޚަރަދު ސަލާމަތްނުކުރެވުނީ، އަންދާޒާކުރެވުނު ދުވެލީގައި މިއިންތިޒާމުގެ ތެރެއިން ބޭސް އެތެރެނުކުރެވުމުންކަމަށެވެ. އަދި ބޭސް އެތެރެކުރުމަށް އެޅުނު އެންމެ ބޮޑު ހުރަހަކީ، ގެންނަންޖެހޭ ބޭސްތަކާއި ބޭހުގެ މިންވަރު ދިގު މުއްދަތެއް ހޭދަވުންކަމަށް ބަޖެޓުގައިވަނީ ފާހަގަކޮށްފައެވެ.

ބަލްކް ޕްރޮކިއުމަންޓް އުސޫލުން ސަރުކާރުން ނިންމާފައިވާ ގޮތަށް "ނޭޝަނަލް އެސެންޝަލް މެޑިސިން ލިސްޓް"ގައި ހިމެނޭ ބޭސްތައް، ކަނޑައަޅާފައިވާ ޓައިމްލައިންގައި ވާގޮތަށް ބޭސްތައް ގެންނަންވާ މިންވަރު ދެނެގަނެވި، އޯޑަރު ދިނުމާއި، ބޭސް އުފެއްދުމަށް އަދި ޑެލިވަރީއަށް ހޭދަވާ މުއްދަތުގެ ތެރޭގައި އެމަސައްކަތް ކުރެވޭނަމަ، ބޭހުގެ ސްޓޮކް ހުސްނުވެ، ފެންވަރު ރަނގަޅު ބޭސް އެތެރެކުރެވޭކަން ސަރުކާރަށް ކަށަވަރުކުރެވޭނެކަމަށް ބަޖެޓުގައިވަނީ ބަޔާންކޮށްފައެވެ.

ބަޖެޓުގައިވަނީ ބޭހުގެ ކޮންސަމްޕްޝަން ދެނެގަތުމާއި، ލޮޖިސްޓިކްސް އަދި ބޭސް ރައްކާކުރުމުގެ ކެޕޭސިޓީ މިހާރަށްވުރެ ހަރުދަނާކުރަންޖެހޭކަމަށެވެ. ސަރުކާރުން އުފައްދާފައިވާ "ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަރވިސް ކޯޕަރެޝަން"އާއެކު މިކަމަށް ހައްލެއް ގެނެވޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. ހަމަ މިއާއެކު ބަޖެޓުގައިވަނީ ބޭސް އެތެރެކޮށް މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައި ޕްރައިވެޓް ސެކްޓަރގެ ދައުރުވެސް މުހިއްމުކަން ފާހަގަކުރައްވާފައެވެ. ހަމައެއާއެކު ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސްއާއި ދުރުރާސްތާގައި މެޑިކަލް އިކުއިޕްމަންޓް ދެމެހެއްޓެނިވިގޮތެއްގައި ހޯދޭނެ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭކަން ބަޖެޓުގައިވަނީ ފާހަގަކޮށްފައެވެ.