ޚަބަރު

ފަހު ވަގުތު ޓޮޓްނަމް އަތުން ޔުނައިޓެޑަށް ޕޮއިންޓެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.

ޓޮޓްނަމް ހޮޓްސްޕަރ އަށް ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުން 18 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ ލިބިފައިވާއިރު މެންޗެސްޓަރ ޔުނައިޓެޑަށް ލިބިފައިވާ 18 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 8 ވަނައިގަ އެވެ.

ލަންޑަނުގެ ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ފަސްދޮޅަސް އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 32 ވަނަ މިނިޓުގައި ބްރަޔަމް އެމްބުއޭމޯ ވަނީ ލަނޑެއް ޖަހާ މެންޗެސްޓަރ ޔުނައިޓެޑަށް ކުރި ހޯދަދީފަ އެވެ.

ޓޮޓްނަމް ހޮޓްސްޕަރ އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި އެ ޓީމުން ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނަމަވެސް ޔުނައިޓެޑްގެ ކީޕަރު ލަމެންސް ވަނީ މޮޅު ދެ ސޭވްކޮށްފަ އެވެ.

މި މެޗުގައި ޓޮޓްނަމް ހޮޓްސްޕަރ އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް މެތީސް ޓެލް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި މެޗުގެ ނަތީޖާ އެއްވަރުކުރިތާ ގިނައިރުތަކެއް ނުވަނީސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި ޓޮޓްނަމްގެ ރިޗަލިސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މި މެޗުން ޓޮޓްނަމް އަށް ތިން ޕޮއިންޓް ކަށަވަރުވިކަމަށް ބެލެވުނު ނަމަވެސް އިތުރު ވަގުތުގެ ހަ ވަނަ މިނިޓުގައި ބްރޫނޯ ފެނާންޑޭޒްގެ އެސިސްޓަކުން މެތީސް ޑިލީޓް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.