ޚަބަރު

މަހްމޫދު ރިޔާޒުގެ ވަޒީފާ އަލުން އިޢާދަކޮށްދެއްވުމަށް 241 ކޮމިޓީން ރައީސަށް ލަފާ އަރުވައިފި


  • ސިނގިރޭޓް ވަގަށް ބޭރުކުރި މައްސަލާގައި އޭނާގެ ސީދާ ބައިވެރިވުމެއް ނެތްކަމަށް ކޮމިޓީން ވިދާޅުވޭ

ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނަވަނިކޮށް، އެ މަޤާމުން ވަކިކުރެއްވި މަހްމޫދު ރިޔާޒުގެ ވަޒީފާ އަލުން އިޢާދަކޮށްދެއްވުމަށް 241 ކޮމިޓީން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއަށް ލަފާ އަރުވައިފިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނަވަނިކޮށް، މަހްމޫދު ރިޔާޒު އެ މަޤާމުން ވަކިކޮށްފައިވަނީ މިދިޔަމަހުގެ 29 ވަނަ ދުވަހުއެެވެ. އޭނާ މަޤާމުން ވަކިކުރެއްވީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރި ސިނގިރޭޓް ކާޓޫންތަކެއް ގަވާއިދާއި ހިލާފަށް އެތެރެކުރި މައްސަލައަކާއި، ސިނގިރޭޓް ކާޓުންތަކެއް ބޮންޑެޑްވެއާރ ހައުސްއިން ގަވާއިދާއި ހިލާފަށް ބޭރުކުރި މައްސަލައަކާއި ގުޅިގެނެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކޮމިޓީން ދިރާސާކުރި މައްސަލަތަކުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނެވި މަހްމޫދު ރިޔާޒުގެ ސީދާ ބައިވެރިވުމެއް އޮތްކަމަށް ބެލެވެން ނެތްކަމަށެވެ. އެހެންކަމުން އޭނާގެ ވަޒީފާ އިޢާދަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ލަފާ އެރުވުމަށް ބުރާސްފަތިދުވަހު ބޭއްވެވި ކޮމިޓީގެ ބައްދަލުވުމުގައި ނިންމަވާފައިވާކަމަށްވެސް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ބަޔާނުގައިވެއެވެ.

241 ކޮމިޓީން ދިރާސާކުރި މައްސަލައަށްފަހު މަހްމޫދު ރިޔާޒުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދުވެސް ވަނީ ވަޒީފާއިން ވަކިކުރައްވާފައެވެ. ނަމަވެސް އޭނާގެ ވަޒީފާ އިއާދަކޮށްދިނުމަށް ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައެއް ނުވެއެވެ.