ޚަބަރު

އޮކްޓޫބަރުގެ ނިޔަލަށް 188،359 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައިފި


  • ރިސޯޓްތަކަށް މިމަޝްރޫއު ފުޅާކުރުމުގެ ޕްލޭންތައް ވަނީ ރޭވިފައި

  • ބޭނުމަކީ ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ފަށްޓާފައިވާ "އޮޕަރޭޝަން ކުރަންގި"ގެ ދަށުން 188000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިޙްސާން މިހެން ވިދާޅުވީ ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި ގުޅޭގޮތުން ކުރިއަށް ގެންދާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ އޮޕަރޭޝަން "ކުރަނގި" އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، އެފަރާތްތައް ގަވާއިދުގެ ތެރެއަށް ވެއްދުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. އެގޮތުން މި މަޝްރޫއު މިހާރު މުޅި ރާއްޖެއަށް ފުޅާކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"މީހުން ދިރިއުޅޭ ހުރިހާ ޖަޒީރާތަކެއްގެ ޑޭޓާ އެއްކުރުމަށް ލޯކަލް ކައުންސިލްތަކަށް ވަސީލަތްތައް ގާއިމް ކުރަމުންދާއިރު، ރިސޯޓުތަކަށްވެސް ފުޅާކުރުމަށް މިދަނީ މަސައްކަތްކުރަމުން. 30 އޮކްޓޯބަރ 2025 ގެ ނިޔަލަށް ޖުމްލަ 188359 ބިދޭސީންގެ ބަޔޮމެޓްރިކްސް އެއްކޮށްފައިވޭ" ވަޒީރު އިހްސާން ވިދާޅުވިއެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.

މި އޮޕަރޭޝަނަށް ބޭނުންވާ މަޢުލޫމާތު އެއްކުރަނީ ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޯ މެޓްރިކްސް ނެގުމުގެ އިންތިޒާމު ޤާއިމްކޮށްގެންނެވެ. އެ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެ ކަމަށް ދާޚިލީ ސަލާމާތައި ފަންނިއްޔާތާ ބެހޭ ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.