ޚަބަރު

އިތުރުވަގުތުގައި ޖެހި ލަނޑާއެކުއެ މާޒިޔާ ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ފަހުވަގުތު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހަމްޒާ މުޙައްމަދު ކާމިޔާބު ކުރި ލަނޑާއެކު އޮޑި ސްޕޯޓްސް ކުލަބް އަތުން މޮޅުވެއްޖެއެވެ. މާޒިޔާ މެޗު ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ.

މި މޮޅާއެކު، މާޒިޔާ އިން ދަމަހައްޓަމުން އައި ސައްތަ އިން ސައްތަ މޮޅުވުމުގެ ރެކޯޑް އިތުރަށް ދަންމާލައިފައި މި ވަނީ ހަތް ވަނަ މެޗުން ވެސް މޮޅުވެ، 21 ޕޮއިންޓް ހޯދައިގެންނެވެ. ލީގު ތާވަލުގެ ދެ ވަނައިގައި އޮތް އޮޑި އަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް އަށް ހަ މެޗުން ވަނީ 16 ޕޮއިންޓް ލިބިފައެވެ. އޮޑި ކުރީގައި އޮތީ ޖެހި ގޯލުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ލަނޑުޖަހާނެ ފުރުސަތު ލިބުނެވެ. އެގޮތުން މެޗުގެ 5 ވަނަ މިނުޓުގެ ތެރޭގައި ހަމްޒާ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއެއް ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މެޗުގެ 28 ވަނަ މިނިޓުގެ ތެރޭގައި މާޒިޔާގެ ސްޕެއިން ފޯވާޑް ސާޖިއޯ މެންޑީ ވެއްޓިގެންފަ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެއެވެ.

މެޗުގެ 32 ވަނަ މިނިޓުގައި އޮޑީގެ އިބްރާހީމް ވަޙީދު ޙަސަން އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފު ވަނީ އަތުލައިގެންފައެވެ. ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނިޓުގައި މާޒިޔާގެ ހަމްޒާ އޭރިޔާ ތެރެއިން ހަސަން ނަޒީމަށް ޖައްސާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެއެވެ.

އޮޑީގެ އޭރިޔާ ބޭރުން މާޒިޔާގެ ގާނާ މިޑްފީލްޑަރ ރީގަން އޮބޭންގް ފޮނުވާލުމުން އޮޑީގެ ކީޕަރު މުޙައްމަދު ޝަފީއު ވަނީ ދިފާއު ކޮށްފައެވެ. މެޗުގެ 74 ވަނަ މިނިޓުގައި އޮޑީގެ އިބްރާހީމް އިމްރާން އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މާޒިޔާގެ ހަމްޒާ އޭރިޔާ ތެރެއަށް ވަދެ ފޮނުވާލީ ބޯޅަ ކީޕަރު ދިފާއު ކުރިއިރު އޭގެ މިނިޓެއް ފަހުން ހަމްޒާ އޭރިޔާ ތެރެއަށް ވަދެ ކީޕަރު ކައިރިން ނައްޓާލާ ވަނީ ގޯލަށް ބޯޅަ ވައްދާލާ މާޒިޔާ މޮޅުކޮށްދީފައެވެ.

މި މެޗުން ހޯދި މޮޅާއެކު މާޒިޔާ ވަނީ ލީގުގަ ކުޅުނު ހަތް މެޗުވެސް ކާމިޔާބުކޮށްފައެވެ.