ފިލިޕީންސަށް ބޮޑެތި ގެއްލުންތައް ދިނުމަށް ފަހު ތޫފާން ކަލްމެއިގީ ވިއެޓްނާމަށް އަރައިފިއެވެ.
މި ވަރުގަދަ ތޫފާނުގެ ސަބަބުން ފިލިޕީންސްގައި 114 މީހުން މަރުވެ އިތުރު 127 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އެ ޤައުމުގެ ސީބޫ ޕްރޮވިންސަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، އެ ސަރަޙައްދުގައި ހުރި ގެދޮރު ވަނީ ސުންނާފަތިވެފައެވެ.
އެ ތޫފާން މިހާރު ވިއެޓްނާމާ ހަމައަށް ފޯރާފައިވާއިރު، ތޫފާނުގެ އަސަރުކުރި ސަރަޙައްދުގައި ހުރި ގޭގޭގެ ފުރާޅުތައް އުކާލައި ބިޔަ ގަސްތައް ވަނީ ވެއްޓިފައެވެ. ގަޑިއިރަކު 93 މޭލުގެ ބާރުމިނުގައި ވައިޖެހެމުންދާއިރު، ވިއެޓްނާމްގެ އައްސޭރިފަށުގައި 30 ފޫޓުގެ ބިޔަ ރާޅު ވެސް ވަނީ އުފެދިފައެވެ.
ތޫފާން ކަލްމެއިގީގެ ސަބަބުން ވިއެޓްނާމްގެ ހަ ވައިގެ ބަނދަރެއް ވަނީ ބަންދުކޮށްފައެވެ. އޭގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ޚިދުމަތަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރައިފައެވެ. ވިއެޓްނާމްގެ ސަރުކާރުން ބުނީ އެ ޤައުމުގެ ޒީއަ ލައި ޕްރޮވިންސުން 260،000އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަަޙައްދުތަކަށް ގެންގޮސްފައިވާ ކަމަށެވެ. ތުފާން ކަލްމެއިގީއަކީ ވިއެޓްނާމަށް މި އަހަރު އަރާ 13 ވަނަ އަދި މިހާތަނަށް އެންމެ ބާރުގަދަ ތޫފާނެވެ.
ވިއެޓްނާމުން ބުނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ޚާއްޞަކޮށް އެ ޤައުމުގައި 268،000 ސިފައިން ތައްޔާރީ ޙާލަތުގައި ތިބި ކަމަށެވެ. ތޫފާނުގެ ސަބަބުން ބިން ތިރި ސަރަޙައްދުތަކުގައި ފެން ބޮޑުވެ ދަނޑުބިންތަކަށް ގެއްލުން ލިބިދާނެ ކަމުގެ އިންޒާރު ކަމާބެހޭ އިދާރާތަކުން ދަނީ ދެމުންނެވެ. ދަނޑުވެރިން ވަނީ ތަފާތު ގުދުރަތީ ކާރިޘާތަކުގައި ދަނޑުބިންތަކަށް ތަކުރާރުކޮށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ގޮތް ހުުސްވެފައެވެ.