ގްލޯބަލް ސައުތު މީޑިއާ ޕާޓްނަރސް މެކޭނިޒަމް ފޯރަމްގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން ބައިވެރިވެއްޖެއެވެ. މި ފޯރަމް ކުރިއަށްދަނީ ޗައިނާގެ ޝިއާން ސިޓީގައެވެ.
މި ފޯރަމްގައި ޕީއެސްއެމް ތަމްސީލްކުރަނީ ޕީއެސްއެމްގެ ޗެއަރޕާސަން އައިމިނަތު ނަމްޒާއާއި ބޯޑް ޑިރެކްޓަރ އަޙްމަދު އަދުހަމްއެވެ. ޗައިނާ މީޑިއާ ގްރޫޕުން އިންތިޒާމްކޮށްގެން ބާއްވާ މި ފޯރަމްގައި ދުނިޔޭގެ 50 ގައުމަކުން 80 މީޑިއާ އިންސްޓިޓިއުޓުން ބައިވެރިވެއެވެ.
މި ފޯރަމްގެ ތެރެއިން ޗައިނާގެ ޒިންހުއާ ޔުނިވަރސިޓީއަށް ދެއްވި އިންޓަވިއުއެއްގައި ޕީއެސްއެމްގެ ޗެއަރޕާސަން އައިމިނަތު ނަމްޒާ ވަނީ އާޓިފިޝިއަލް އިންޓެލިޖެންސްއިން މީޑިއާއަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދައްކަވާފައެވެ. ނަމްޒާ ވިދާޅުވީ ރާއްޖޭގެ މީޑިއާ އަދި އޮތީ އާޓިފިޝިއަލް އިންޓެލިޖެންސް ބޭނުންކުރުމުގައި ވަރަށް ޅަފަތުގެ މަރުހަލާއެއްގައި ކަމަށެވެ. އެހެން ނަމަވެސް އޭއައި ބޭނުންކުރުމުގެ ފައިދާތަޢް ގިނަކަމަށާއި ޒިންމާދާރުކަމާއެކު އޭއައި ބޭނުންކުރުން މުހިއްމުކަން ޕީއެސްއެމުން ޤަބޫލުކުރާކަމަށް ނަމްޒާ ވިދާޅުވިއެވެ.
ޕީއެސްއެމްއިން މިހާރު ނުހަނު ބޮޑު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ވަސީލަތްތައް ތަރައްޤީކުރުމާއި، އޭއައި ބޭނުންކުރާނެ އުސޫލުތަކާއި ޤަވާއިދުތައް އެކަށައެޅުން ހިމެނޭކަމަށް ނަމްޒާ ވިދާޅުވިއެވެ.
މީގެއިތުރުން ޗައިނާގެ މީޑިއާ އިންސްޓިޓިއުޓްތަކާއި ތަޖުރިބާކާރުންނާއިއެކު މަޝްވަރާތައް ކޮށް އެފަރާތްތަކާއި ގުޅުން ބަދަހިކޮށް އޭ.އައި އާއި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާއިން ތަޖުރިބާއާއި އިލްމު ހިިއްސާކުރުމުގެ ޝައުގުވެރިކަން ހުރިކަންވެސް ނަމްޒާ ފާހަގަކުރެއްވިއެވެ.
"ޗައިނާ މީޑިއާ ގްރޫޕްގެ އިސްނެންގެވުމާއިއެކު ކުރިއަށްގެންދާ ގްލޯބަލް ސައުތު މީޑިއާ ޕާޓްނަރ މެކޭނިޒަމްއަކީ ގުޅުންތައް ބަދަހިކޮށް ތަޖުރިބާ ހިއްސާކުރުމުގެ މުހިންމު ޕްލެޓްފޯރމެއް. މީގެއިތުރުން މިއީ މީޑިއާގެ ދައުރު ފުޅާވެ އެއްބައިވަންތަކަން އިތުރުވެގެންދާނެ ފޯރަމްއެއް" ނަމްޒާ ވިދާޅުވިއެވެ.
މި ފޯރަމްގެ ތެރެއިން ކުރިއަށްދިޔަ ގްލޯބަލް ސައުތު ރައުންޑް ޓޭބަލްގައި ވާހަކަދައްކަވަމުން ނަމްޒާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރާއްޖެއަށް ތަރައްޤީ ގެނައުމަށްޓަކައި ގެންގުޅުއްވާ ހަރުދަނާ ޓްރާންސްފޯމެޓިވް އެޖެންޑާގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދައްކަވާފައެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ލޯންޗުކުރެއްވި މޯލްޑިވްސް 2.0 އަކީ ތަރައްޤީއާއި އައު އިޖާދީ މަސައްކަތްތަކަށް ހުޅުވިގެންދާ އައު ބާބެއްގެ އިތުރުން ތަރައްޤީއާއި، ދެމެހެއްޓެނިވި މުސްތަޤްބަލެއް ހޯދުމަށް ކުރާ މަސައްކަތް ރަމްޒުކޮށްދޭ މަސައްކަތެއް" ނަމްޒާ ވިދާޅުވިއެވެ.
ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޗެއަޕާސަން ނަމްޒާ އަދި ޑިރެކްޓަރ އަދުހަމް ވަނީ ބައިނަލްއަޤްވާމީ މީޑިއާތަކާއި، މީޑިއާތަކުގެ ލީޑަރުންނާއި ބައްދަލުކުރައްވާ މުހިއްމު މަޝްވަރާތަކެއް ކުރައްވާފައެވެ. އަދިނަމްޒާވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް މީޑިއާކަމަށްވާ، ޗައިނާ ގްލޯބަލް ޓެލެވިޒަން ނެޓްވޯކް، ސީޖީޓީއެންއަށް ހާއްސަ އިންޓަރވިއެއް ދެއްވާފައެވެ.