ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އަލުން ހުޅުވުމަށް ކުރްމުންދާ މަސައްކަތުގެ ތަފްޞީލް އެ ރިސޯޓްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި މިއަދު ހިއްސާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކާއި އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ވަޑައިގެންފައެވެ. އެ މަނިކުފާނު އެ ރިސޯޓަށް ވަޑައިގަތުމުން ކުންފުނީގެ މެނޭޖްމަންޓްގެ ފަރާތުން މިއަދު ވަނީ، ރިސޯޓް ހުޅުވުމުގެ ކުރިން ކުރަމުންދާ މަސައްކަތުގެ ތަފްޞީލް ޕްރެޒެންޓޭޝަނެއް އެމަނިކުފާނާއި ހިއްސާކުރައްވާފައެވެ.
އެގޮތުން މިއަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ހުޅުވުމަށް ރިސޯޓްގެ އޯނަރުން އަދި މެނޭޖްމަންޓުން ވަމުންދާ ތައްޔާރީތަކުގެ ތަފްޞީލް ހިއްސާކުރެއްވިއެވެ.
އޭގެ ތެރޭގައި ރިސޯޓްގެ ވޯޓަރ ވިލާތަކާއި، ރެސްޓޯރެންޓްތަކާއި، ޑެކިން ރަނގަޅު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. އަދި ރިސޯޓް ބަންދުކޮށްފައިވީ ނަމަވެސް ތަނުގެ މަރާމާތުކޮށް ރަނގަޅަށް ބަލަހައްޓަވަމުން ގެންދަވާ ކަމަށް މެނޭޖްމަންޓުން ވަނީ ފާހަގަކުރައްވާފައެވެ.
ޕްރެޒެންޓޭޝަނަށްފަހު ރިސޯޓްގެ ފަރާތުން ވަނީ، ރިސޯޓު ހުޅުވުމަށް ވަމުންދާ ތައްޔާރިތައް ދައްކާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ޓުއަރއެއް ދެއްވާފައެވެ. މި ޓުއަރގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ އިސްވެރިންނާއި، ސަރުކާރުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ތަމްސީލްކުރައްވާ ބައެއް މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރިސޯޓު ކޯވިޑަށް ބަންދުކުރުމަށްފަހު އަލުން ހުޅުވުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ.
2009 ވަނަ އަހަރު އައްޑޫ ސިޓީގައި ހުޅުވި، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް ބަންދުކޮށްފައިވަނީ، 2020 ވަނަ އަހަރުގެ މާރިޗް މަހުގެ ކޮވިޑާއި ގުޅިގެންނެވެ. ލަގްޒަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ތަރައްޤީކޮށްފައިވާ މި ރިސޯޓްގައި 284 އެނދު ހުރެއެވެ.