ޚަބަރު

ހިތަދޫ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަަސައްކަތް ފަށައިފި


  • ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދިފާޢީ ވަޒީރު ޣައްސާން މައުމޫން

  • މިއީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެއް

އައްޑޫ ސިޓީ ހިތަދޫގައި ޤާއިމުކުރާ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަަސައްކަތް ފަށައިފިއެވެ.

މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

ހިތަދޫގައި ޤާއިމުކުރާ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިރަސްމިއްޔާތުގައި މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދިފާޢީ ވަޒީރު ޣައްސާން މައުމޫނެވެ.

ހިތަދޫގައި ޤާއިމްކުރާ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރަކީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ހިތަދޫގައި ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު ޤާއިމުކުރެވުމާއެކު، ޤުދުރަތީ ގޮތުންނާއި އެނޫން ގޮތްގޮތުން ދިމާވާ ކާރިސާތަކާ ގުޅިގެން އަވަސްކަމާއި ފަސޭހަކަމާއެކު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.