މީދޫގައި އައިޑީ ކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.
މި ޚިދުމަތްތައް ފަށްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުދޫ އަދި މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މިގޮތުން މި ބައްދަލުވުމުގައި މި ޚިދުމަތްތައް ފަށްޓަވާދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ.
ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ނިމިފައިވާއިރު، މި އަމާޒު ހާސިލުކުރައްވާފައި ވަނީ، ކަނޑައެޅުއްވި މުއްދަތަށްވުރެ 3 މަސްދުވަސް ކުރިންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ޤާއިމުކޮށް ނިންމެވީ ހުސްވި ސެޕްޓެމްބަރ މަހުގެ 19 ވަނަ ދުވަހުއެވެ.
ލާމަރުކަޒީ އުސޫލުން، ރައްޔިތުންނާ ގާތަށް ޚިދުމަތްތައް ގެނެސްދެއްވުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވާ، މުހިންމު ސިޔާސަތެކެވެ. ރައްޔިތުންގެ އަސާސީ މުހުތާދުތައް ރަށުގައި ތިބެގެން ފުއްދޭނެ އިންތިޒާމު ހަމަޖައްސަވައި، ބޮޑު ޚަރަދުކޮށް މާލެ އައިސް ކޮންމެ ކަމެއް ކުރަން ރައްޔިތުން އުފުލާ ބުރަ ނިމުމަކަށް ގެނަސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒުފުޅުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.