ޚަބަރު

ލަންކާއިން އަތުލައިގަތް މަސް ބޯޓަށް މަސްތުވާތަކެތި އެރުވީ ރާއްޖޭގެ ސަރަހައްދަކުން ނޫން: ފުލުހުން


  • މި ބޯޓުން 355 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވޭ

  • މި ބޯޓުގައި ތިބީ، 6 ފަޅުވެރިން

ރާއްޖެ ސަރަހައްދުން މަސްތުވާތަކެތި ބަރުކޮށްގެން ލަންކާއަށް ގެންދިޔަ ކަމަށް މީޑިއާތަކުގައި ފެތުރިފައިވާ ވާހަކަ ދިވެހި ފުލުހުންގެ ޚިދުމަތުން ދޮގުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިކަން ދޮގުކޮށްފައިވަނީ، ލަންކާ ކަނޑުގެ ސިފައިން އެ ޤައުމުގެ ހުޅަނގު ކަނޑުން އަތުލައިގަތް "ސީދެވީ" ނަމަކަށް ކިޔާ ބޯޓެއް އަތުލައިގަތީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކޮށްގެން ދަނިކޮށް ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވަނިކޮށްނެވެ. މި ބޯޓު މިހާރުވަނީ، ލަންކާގެ ޑިކޮވިޓާ ބަނދަރަށް ގެންގޮސްފައެވެ. މިކަމާއި ގުޅޭގޮތުން ލަންކާގެ ފުލުހުންނާއި ހަވާލާ ދީ، އެޤައުމުގެ ނޫހެއްގައި ރިޕޯޓުކޮށްފައިވަނީ، މި ބޯޓަށް މަސްތުވާތަކެތި ބަރުކޮށްފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކަމަށް ތަހުޤީޤަށް ހާމަވެފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ލަންކާގެ ރަސްމީ އިދާރާތަކުން 355 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓަކީ، ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ދިވެހި ފުލުހުންގެ ޚިދުމަތަށް ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

ލަންކާގެ މި ބޯޓުން 355 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު، ބޯޓުގައި އެވަގުތު ތިބި 6 ފަޅުވެރިން ވަނީ އެޤައުމުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިމައްސަލާގައި އެ ބޯޓުގެ ވެރިފަރާތްވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.