ގައުމީ އެއަރލައިން މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝަށް އަލުން ފެށުމަށް ނިންމައިފިއެވެ. މޯލްޑިވިއަނުން ވަނީ ބަންގްލަދޭޝްގައި ޖެނެރަލް ޕެސެންޖަރ ސޭލްސް އެޖެންޓެއް ހޯދަން އިޢުލާންކޮށްފައެވެ. 
މޯލްޑިވިއަނުން ކޮށްފައިވާ އިޢުލާނެއްގައި ވަނީ ބަންގްލަދޭޝްގައި ޖެނެރަލް ޕެސެންޖަރ ސޭލްސް އެޖެންޓަކަށް ވާންބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ. މިމަހުގެ 6 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށައެޅޭނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
މޯލްޑިވިއަނުން މީގެކުރިންވެސް ވަނީ ބަންގްލަދޭޝަށް އެ ކުންފުނީގެ ދަތުރުތައް ބާއްވާފައެވެ. މި ދަތުރުތައް މެދުކަނޑާލީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެއީ އޭރު ބަންގްލަދޭޝްގެ ސިޔާސީ މަޝްރަހު ހަލަބޮލިވުމާއި ގުޅިގެންނެވެ. ދަތުރުތައް މެދުކަނޑާލުމުގެ ކުރިން ކޮންމެ ހަފްތާއަކުވެސް މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝްގެ ޑާކާއަށް ދިޔައީ ބާއްވަމުންނެވެ. 
މޯލްޑިވިއަނުން މިހާރު ބައިނަލްއަޤްވާމީ ދަތުރުތައް ކުރަނީ އިންޑިއާ އަދި ޗައިނާއަށެވެ. މި 2 ގައުމުގެ 5 މަންޒިލަކަށް މޯލްޑިވިއަންގެ ދަތުރުތައް މިހާރު ދަނީ ބާއްވަމުންނެވެ. އަދި ޗުއްޓީއާއި ދިމާކޮށް ބައެއް އެހެން މަންޒިލްތަކަށްވެސް ސީޒަނަލް ދަތުރުތައް މޯލްޑިވިއަނުން ބާއްވައެވެ.