ޚަބަރު

އެންޓީގާ އެންޑް ބާބުޑާއަށް ކަނޑައަޅުއްވާ ސަފީރަކަށް ޝިރުޒިމަތު ޢައްޔަންކުރުމުގެ މައްސަލަ ކޮމިޓީއަށް


  • ޚާރިޖީ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެއް

  • ރާއްޖޭން ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުވެސް އަދާކުރެއްވި

އެންޓީގާ އެންޑް ބާބުޑާއަށް ކަނޑައަޅުއްވާ ސަފީރަކަށް ޝިރުޒިމަތު ސަމީރު ޢައްޔަންކުރެއްވުމުގެ މައްސަލަ ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މި މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ އެންޓީގާ އެންޑް ބާބުޑާއަށް ނޮން-ރެޒިޑެންޓް ސަފީރު ނުވަތަ ރާއްޖޭން ކަނޑައަޅުއްވާ ސަފީރު ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވުމާ ގުޅިގެންނެވެ.

އެ މަގާމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ޝިރުޒިމަތު ސަމީރަކީ ޚާރިޖީ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އޭނާވަނީ ޚާރިޖީ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމާއި ޖަރުމަނުގެ ޑެޕިއުޓީ ހެޑް އޮފް މިޝަންގެ މަޤާމު އަދި ބަންގްލަދޭޝަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ޝިރުޒިމަތު މިހާރު ހުންނެވީ ދިވެހިރާއްޖޭން އެކުވެރި ދައުލަތްތަކަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓެޓިވްގެ މަގާމުގައެވެ.

ޤައުމުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުން ޢައްޔަންކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.