ޚަބަރު

ސިފައިންގެ އަސްކަރީ ހުށަހެޅުން: ދައްކުވައިދިނީ ނިރުބަވެރި ހަމަލާއަކަށް ސިފައިން ތައްޔާރުވެފައިވާ މިންވަރު


  • މި ހަރަކާތް ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ނަޞްރުގެ ދުވަހާ ގުޅުވައިގެން ސިފައިންގެ އަސްކަރީ ހުށަހެޅުންތައް ޖުމްހޫރީ މައިދާނުގައި ބާއްވައިފިއެވެ. މި ހަރަކާތް ސަރަފްވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

މި ހުށައެޅުމުގެ މަޤުޞަދަކީ ސިފައިން އަސްކަރީ ގޮތުން ތައްޔާރުވެފައި ތިބި މިންވަރު ޢާންމުންނަށް ދައްކާލުމެވެ. އެގޮތުން ރާއްޖެއަށް ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއެއް ނާކާމިޔާބުކޮށްލުމަށް ދިވެހި އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނެއްގެ ޑެމޮންސްޓްރޭޝަން މި ހަރަކާތުގެ ތެރެއިން ވަނީ ދައްކާލާފައެވެ.

މި ހަރަކާތުގައި ދައްކުވައިދީފައިވަނީ ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ނިރުބަވެރި ޙަމަލާއަކުން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ދިވެހި އަސްކަރިއްޔާގެ ގުޅިފައިވާ ބާރުތަކުން ހިންގާ ޖޮއިންޓް އޮޕަރޭޝަންގެ ހަރަކާތްތަކެވެ. މި ހަރަކާތް ހުށައަޅައިދީފައިވަނީ ރެކޯޑްކޮށްފައިވާ މަންޒަރުތަކާއި ޖުމްހޫރީ މައިދާނުގައި ވަގުތުން ގެނެސްދިން މަންޒަރުތަކާ ގުޅުވާލައިގެންނެވެ.

ކަނޑުގެ މަގުންނާއި އެއްގަމު މަގުން ނިރުބަވެރި ހަމަލާއެއް ނައްތާލުމަށް ސިފައިން ތައްޔާރުވެފައި ތިބި މިންވަރު ހަރަކާތުގެ ތެރެއިން ވަނީ ދައްކާލާފައެވެ. އެގޮތުން ސިފައިން ބޭނުންކުރާ އުޅަނދާއި ތަފާތު އާލާތްތައް ބޭނުންކުރާނެ ގޮތް ފެނިގެންގޮސްފައިވާއިރު ސިފައިންގެ ބޭންޑްގެ ހާއްސަ ހުށައެޅުމެއްވެސް ހަރަކާތުގެ ތެރެއިން ކުރިއަށްދިޔައެވެ.

އަސްކަރީ ހުށަހެޅުމުގައި ކޯސްޓް ގަރޑް، މެރިން ކޯޕްސް، އެއަރ ކޯޕްސް، ޑިފެންސް އިންޓެލިޖެންސް ސަރވިސް އަދި ސްޕެޝަލް ފޯސަސްގެ ދައުރު ދައްކުވައިދީފައިވެއެވެ. އެގޮތުން އޮޕަރޭޝަންގެ ރޭވުންތެރިކަމާއި އެކަމުގައި ބޭނުންކުރާ އުކުޅުތަކާއި ސިފައިންގެ ވަސީލަތްތައް ބޭނުންކުރާނެ ގޮތްތައް ދައްކާލާފައިވެއެވެ.

އަސްކަރީ ހުށަހެޅުމުގައި ސިފައިން ވަނީ ގޮވާ ތަކެތިވެސް ބޭނުންކޮށްފައެވެ. ނަމަވެސް މި ތަކެތި ބޭނުންކުރުމުގައި ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތަށް އެ ތަކެތި ސިފައިން ވަނީ ނިއުޓްރަލައިޒްކޮށްފައެވެ. މީގެއިތުރުން ހަމަލޮލަށް ނުފެންނަ ހިސާބުގައި ކުރިއަށްދާ ހަރަކާތްތައް ދެއްކުމަށް މައިދާނުގައި ބޮޑެތި ލެޑް ސްކްރީންވެސް ހަރުކޮށްފައިވެއެވެ. މި ހަރަކާތުގެ ތެރެއިން ސިފައިންގެ ބޭންޑުން ދުވަހާ ގުޅޭ ލަވަތައްވެސް ހުށައަޅައިދީފައިވެއެވެ.

މި ހަރަކާތް ބަލާލުމަށް ގިނަ އަދަދެއްގެ އާންމުން ވަނީ ޖުމްހޫރީ މައިދާން ސަރަހައްދައް އައިސްފައެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. މިއީ އެކުދިން ވަރަށް ޝައުގުވެރިވި ހަރަކާތަކަށް ވަނީ ވެފައެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާން ސަރަހައްދުގައި ކުރިއަށްދިޔަ ސިފައިންގެ ހާއްސަ އަސްކަރީ ހަރަކާތްތައް ބައްލަވާލެއްވުމަށް ދައުލަތުގެ އެކިއެކި އިދާރާތަކާއި ވުޒާރާތަކުގެ އިސްވެރިން ވަނީ ޖުމްހޫރީ މައިދާން ސަރަހައްދަށް ވަނީ ވަޑައިގެންފައެވެ. ނަސްރުގެ ދުވަހާއި ގުޅުވައިގެން މިއަހަރު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގދ. ތިނަދޫ ސިޓީގައި ސިފައިންގެ މައުރަޒެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.