ސްޕެނިޝް ލަލީގާގައި ރޭ އެލްޗޭ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ ދެވަނަ މަގާމް ހޯދައިފި އެވެ. 
މި މެޗުން ބާސެލޯނާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުން ލިބިފައިވާ 25 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ލިބިފައިވަނީ 30 ޕޮއިންޓެވެ. 
ބާސެލޯނާގެ ނޯކޭމްޕްގެ މަސައްކަތް އެއްކޮށް ނިމިފައިނުވާތީ ކެޓަލޯނިއާގެ އޮލިމްޕިކް ލުއިސް ކޮމްޕެނީސް ސްޓޭޑިއަމްގައި ސާޅީސް ހަތަރު ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 9 ވަނަ މިނިޓުގައި ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. 
އަދި އޭގެ ދެ މިނިޓު ފަހުން ފަރމިން ލޯޕޭޒް ދިން ޕާހަކުން ފެރާން ޓޮރޭޒް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. 
ނަމަވެސް ލިބުނު މަދު ފުރުސަތުތަކުގައި ލަނޑެއް ޖެހުމަށް އެލްޗޭ އިން ކުރަމުން ދިޔަ މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 42 ވަނަ މިނިޓުގައި ރަފާ މިރް ކާމިޔާބުކޮށްދިން ލަނޑުންނެވެ. 
މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮތްއިރު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް މާކަސް ރަޝްފޯޑް ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އެއި އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ. 
މި މެޗުގައި ބާސެލޯނާ އިން ޖެހި ތިންވަނަ ލަނޑަކީ ވެސް ފަރމިން ލޮޕޭޒްގެ އެސިސްޓަކުން މާކަސް ރަޝްފޯޑް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. 
ބާސެލޯނާ މި މެޗުން މޮޅުވެފައިވާއިރު އެ ޓީމުން ވަނީ ސްޕެނިޝް ލަލީގާގައި އެލްޗޭ އާއި ދެކޮޅަށް މިހާތަނަށް ކުޅުނު 25 މެޗުން ބަލިވެފައެއް ނުވެއެވެ. ޖުމްލަ 18 މެޗުން މޮޅުވެފައިވާއިރު ހަތް މެޗުން ވަނީ އެއްވަރުވެފަ އެވެ.