ޚަބަރު

ނޭޝެނަލް ޓޯޗް ރަންއަށް ބޮޑު ތަރުހީބެއް، 8959 މީހުން ދުވެފައިވޭ


ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދިޔަ ޚާއްސަ ދުވުން "ނޭޝެނަލް ޓޯޗް ރަން"ގައި ބައިވެރިވެ 8959 މީހުން ދުވެފިއެވެ.

"ނޭޝެނަލް ޓޯޗް ރަން"އަކީ މިއަދުން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާފައިވާ "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" އާއި ގުޅުވައިގެން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ.

24 ގަޑިއިރަށް ކުރިއަށްގެންދިޔަ ނޭޝަނަލް ޓޯޗް ރަން އިއްޔެ ހަވީރު 4އިން މިއަދު ހަވީރު 4އަކާ ހަމައަށް ކުރިއަށްގެންދިޔައީ މާލޭ އެކުވެނި ޓްރެކުގައެެވެ.

މި ހަރަކާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެތުލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތް ނިމުނުއިރު، ޖުމްލަ ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

ނެޝެނަލް ޓޯޗް ރަންއަކީ، ޞީއްޙީ ވުޒާރާއިން އިސްނަގައިގެން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯ އަދި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ ޚާއްސަ ހަރަކާތެކެވެ.

މިއީ ދުންފަތުގެ ނުރައްކާ އަންގައިދީ، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމަށް އާންމުންނަށް ހިތްވަރުދީ ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ދުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ