ޚަބަރު

21 ކިލޯގެ މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފި


  • މި އޮޕަރޭޝަން ހިންގީ ރާއްޖެ އެތެރެކުރި 7 ކިލޯގެ މަސްތުވާތަކެތި ޝިޕްމަންޓެއް ކަސްޓަމްސްއިން ހިފެހެއްޓުމަށްފަހު

  • އޮޕަރޭޝަންގެ 2 ބިދޭސީންނާއި ދިވެއްސެއް ވަނީ ހައްޔަރުކޮށްފައި

ވައިގެ މަގުން ރާއްޖެ އެތެރެކުރި 7 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެެތެރެކުރި މީހުން ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި 3 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މިމަހުގެ 4 ވަނަ ދުވަހުގެ ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު 7 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ ހިފަހައްޓާފައެވެ. އެގޮތުން އަތުލައިގަނެފައިވަނީ 7.9 ކިލޯގެ ކެނެބިސްއެވެ. މިތަކެތީގެ މަގުމަތީ އަގު 6 މިލިޔަން ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.

ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާއި ވަނީ ހަވާލުކޮށްފައެވެ. އަދި ފުލުހުން ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ފަރާތްތައް ދެނެގަތުމަށް "ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް" ހިންގާފައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އޮޕަރޭޝަންގެ ތެރެއިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކޮށް 3 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ ލ. ކަލައިދޫ / ހިޔާވަހި، ޢަބްދުﷲ ރާއިފް (27އ) އާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުންކަމުގައިވާ އެމް ޑީ ޖޯޝިމް އުއްޑިން (43އ) އާއި މަމުން ދަލި (32އ) އެވެ.

ފުލުހުން ވިދާޅުވީ އޮޕަރޭޝަންގެ ތެރެއިން މާލޭގެ ދެ އެޕާޓްމަންޓް ބަލައިފާސްކޮށް، 13 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނާ ހަވާލުކުރި 7 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މި އޮޕަރޭޝަންގައި، ޖުމުލަ 21 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަބްދުﷲ ރާއިފް ތިން ދުވަހަށް އަދި ބަންގްލަދޭޝް ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަހުޤީޤު ކުރަމުންނެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވައި މަސްތުވާތަކެއްޗާ ދެކޮޅަށް ކާމިޔާބު އޮޕަރޭޝަންތަކެއް ފުލުހުން ގެންދަނީ ހިންގަމުންނެވެ. އަދި މިފަދަ އޮޕަރޭޝަންގެ ކުރިއަށް ގެންދަނީ ކަމާއި ގުޅުން ހުރި އެކި އިދާރާތައް ގުޅިގެންކަން ފުލުހުން ފާހަގަކުރެއެވެ.