ޚަބަރު

ފުވައްމުލަކާއި ފޮނަދޫ އަދި ނިލަންދޫ ހޮސްޕިޓަލް މަޝްރޫޢުއަށް ކޮންސަލްޓަންޓެއް ހޯދަނީ


  • މިއީ ސަޢުދީ ފަންޑްގެ އެހީގައި ގެންދާ މަސައްކަތެއް

  • މުއްދަތު ހަމަވާނީ ޑިސެމްބަރު 4އަށް

ފުވައްމުލަކާއި ފޮނަދޫ އަދި ނިލަންދޫ ހޮސްޕިޓަލްގެ އައު އިމާރާތް ތަރައްޤީކުރުމަށް އެ ހޮސްޕިޓަލްތައް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާނުކޮށްފިއެވެ.

މާލީ ކަންކަމާ ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފަވަނީ ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ހިންގަމުންދާ "ހެލްތް ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުންކަމަށެވެ.

މި ޕްރޮޖެކްޓްގައި ތަރައްޤީކުރަނީ ޏ.އަތޮޅު ހޮސްޕިޓަލް، ފޮނަދޫ ރީޖަނަލް ހޮސްޕިޓަލް އަދި ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލެވެ.

ތަރައްޤީގެ ރޭވުންތެރިކަމާ ބޭހޭ ވުޒާރާއިން އިޢުލާނުކޮށްފަވަނީ، ސަރވޭ އަދި ފުރަތަމަ މަރުޚާލާގެ ކުރެހުންތައް ތައްޔާރުކުރުމާއި ބީލަމަށް ހުޅުވާލުމުގެ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ތިމާވެއްޓަށް ގެއްލުންވާ މިންވަރު ބަލާ ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތަކާއި ޑީޓެއިލް ޑިޒައިން ރިވިއުކުރުމުގެ މަސައްކަތުގެ އިތުރުން ކޮންޓްރެކްޓަރުގެ މަސައްކަތްތައް ރިވިއުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ކޮންސަލްޓަންޓެއް ހޯދުމަށެވެ.

މި މަސައްކަތަށް ކޮންސަލްޓަންޓެއް ހޮވާނީ ސައުދީ ފަންޑްގެ ގައިޑްލައިންތަކަށެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ޑިސެމްބަރު 4ގެ 14:00ގެ ކުރިން ޝަޢުގުވެރިކަން ފާޅުކުރުމަށް ވަނީ ހުޅުވާލާފައެވެ.

އޮކްޓޯބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް، އެކަމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޮޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

އަދި ސެޕްޓެމްބަރު މަހު ފ.ނިލަންދުއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެރަށުގައި 50 އެނދުގެ ފުލްފްލެޖް ހޮސްޕިޓަލެއް ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ސައުދީ ފަންޑްގެ އެހީގައި ކުރިއަށްގެންދާ އެ މަޝްރޫޢޫގެ ފަންޑު ހަމަޖެހިފަވާކަމަށެވެ. ނިލަންދުއަކީ ސަރުކާރުން އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާ ރަށެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކުން އެންމެ ބޮޑު ޚާރަދެއް ކުރުމަށް ސަރުކާރުން ހިމަނާފަވަނީ ސިއްޙީ ދާއިރާއިންނެވެ. އެގޮތުން ބަޖެޓުގައި 8.8 ބިލިޔަން ރުފިޔާ މި ދާއިރާއިން ވަނީ ކަނޑައަޅާފައެވެ. މީގެރޭގައި ހޮސްޕިޓަލާއި ސިއްޙީ ދާއިރާގެ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ބަޖެޓުގައި 430.4 މިލިޔަން ރުފިޔާ ވަނީ ހިމާނާފައެވެ.