ޚަބަރު

ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ އެރަށަށް ނިސްބަތްވާ 48 އަހަރުގެ ފިރިހެނެއް

  • އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި

ހދ. ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެރަށު ޔާދު އުމުރުން 48 އަހަރުގެ ޢަލީ ރަޝީދުކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކުޅުދުއްފުށީ ސިޓީ ޕޮލިސް ސްޓޭޝަނާއި، ނޮޅިވަރަމް ޕޮލިސް ސްޓޭޝަނުން ގުޅިގެން މިމަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން ވިދާޅުވީ، ޢަލީ ރަޝީދު ހައްޔަރުކޮށްފައިވަނީ ނޮޅިވަރަމަށް އައި ބޯޓަކުން ގެނައި ފޮށިގަނޑަކާއި ޑަބިޔަލެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 2 ޕެކެޓު ފެނުނު މައްސަލައާ ގުޅިގެންކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީޤުކުރަމުންނެވެ.