މ. މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަހައްދުގައި އަލަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޒަމާނީ މިސްކިތާއި، ދަޢުވާ ސެންޓަރުގެ ބިންގާ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަޅުއްވައިދެއްވައިފިއެވެ.
މިކަމަށްޓަކައި މިއަދު އެ ސަރަޙައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދަޢުލަތުގެ އިސްވެރިންނާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެ ވަޑަައިގެންނެވިއެވެ.
މާފަންނު ބޮޑުގެ ބިމުގައި ބިނާކުރަނީ، 4 ފަންގިފިލާގެ ދާއިމީ މިސްކިތެކެވެ. 1250 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް ތަރައްޤީ ކުރާ ޒަމާނީ މިސްކިތަކީ، ގިނަ ވަސީލަތްތަކަކާއެކު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ މިސްކިތެކެވެ. އެގޮތުން މިސްކިތުގެ ގްރައުންޑް ފްލޯގައި މައި ނަމާދު ކުރާ ބައި، ވުޟޫ ކުރާ ސަރަޙައްދު އަދި ފާޚަނާ ބަރި ހެދުމަށް ހަމަޖެހިފައިވާއިރު، މެޒެނީން ބުރީގައި އަންހެނުން ނަމާދު ކުރާ ބައި، އެއްވަނަ ބުރީގައި ނަމާދު ކުރާ ބައި، އިޢުތިކާފް ސަރަޙައްދު ހެދުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މިސްކިތުގެ ދެވަނަ ބުރީގައި 150 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، ޒަަމާނީ ކްލާސްރޫމްތަކެއްގެ އިތުރުން ލައިބްރަރީއަކާއި، އެޑްމިން އޮފީސް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިސްކިތުގެ ޓެރަސްއަކީވެސް ނަމާދު ކުރާ ގޮތަށް ޤާއިމްކުރާ ބައެކެވެ.
މި މިސްކިތުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެވޭނެ އިންތިޒާމް ޤާއިމް ކުރުމަށް ހަމަޖެހިފައިވާއިރު، އެފަދަ ފަރާތްތަކަށް ބޭނުންކުރެވޭނެ ފާޚާނާ އަދި ވުޟޫ ކުރާ ސަރަޙައްދު ޤާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މިސްކިތުގެ ބޭނުންކުރާ ފަރާތްތަކުގެ ލުއިފަސޭހައަށް މިސްކިތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.
ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢަކީ، އަމިއްލަ ފަރާތްތަކަކުން ޚަރަދު ކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިންމުމަށް ދީފައިވަނީ، 540 ދުވަހުގެ މުއްދަތެކެވެ.
މާލެއާއި އަތޮޅު ތެރޭގައި މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ސަރުކާރާއި، އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން މާލެ ސަރަހައްދާއި، އަތޮޅުތަކުގެ މިސްކިތްތަކުގެ 15 މަޝްރޫޢެއް ނިމި އަންނަ ރަމަޟާން މަހު ބޭނުންކުރަން ފެށޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.
މީގެ ތެރެއިން ބައެއް ތަންތަން މިހާރު ހުރީ ނިމި ރަސްމީކޮށް ހުޅުވަންވެފައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވެފައިވަނީ، މާލެ ސިޓީގައި ހުރި ބާ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ބޮޑެތި މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެެއް ކަމަށެވެ. އެގޮތުން ބަރުބަރީ މިސްކިތް ޑިސެމްބަރުގައި ހުޅުވާނެ ކަމަށާއި، ޒިކުރާ މިސްކިތް އަންނަ އަހަރުގެ ޖެނުއަރީ މަހު މަސައްކަތް ފަށާނެ ކަމަށެވެ. ވިލިމާލެ ސަލާމް މިސްކިތް ތަޅާލައި އެތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތްވެސް ފަށާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މި މިސްކިތްތައް 2 އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.