ޚަބަރު

ފެރިދޫ އަޙްމަދު ކަލޭފާނު އަވަހާރަވެއްޖެ


އަރިއަތޮޅުގެ މުހިންމު ޚިދުމަތްތެރިއެއްކަމަށްވާ ފެރިދޫ އަޙްމަދު ކަލޭފާނު މިއަދު އަވަހާރަވެއްޖެއެވެ. އއ.ފެރިދޫ ޝެމްރޮކް އަޙްމަދު ކަލޭފާނަކީ އއ.އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި ބޭފުޅެކެވެ. އަދި އެއަތޮޅުގެ އެކި މަޤާމުތަކުގައި މުހިންމު ޚިދުމަތްތަކެއްވެސް ކުރައްވާފައިވެއެވެ. ޚާއްޞަކޮށް އަތޮޅުގެ ތަރައްޤީއާއި ކުރިއެރުމަށްވެސް އެކި ދާއިރާތަކުން މަރުޙޫމް އަޙްމަދު ކަލޭފާނު ދިގުމުއްދަތެއްގައި މަސައްކަތްކުރައްވާފައިވެއެވެ. 

img:http://s2.psmnews.mv/images/660x400/14720381968859.jpg|ފެރިދޫ އަހުމަދު ކަލޭފާނު

އަދި އަރިއަތޮޅު އުތުރުބުރުއިއާއި ދެނުކުބުރި ވަކި ނުކުރައްވައި، އަރިއަތޮޅުގެ ގޮތުގައި އޮތްއިރު މުޅި އަރިއަތޮޅަށް އޭނާ ވަނީ ޚިދުމަތްކުރައްވާފައެވެ. އޭނާ އަތޮޅު އޮފީހުގައި މަސައްކަތް ކުރައްވަން ފެއްޓެވުމުގެ ކުރިން ފެރިދޫގެ ވެރިކަމުގެ ދާއިރާގައިވެސް ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވެއެވެ. 

ސަރުކާރަށް 52 އަހަރުދުވަހު ޚިދުމަތްކުރައްވާފައިވާ އަޙްމަދު ކަލޭފަނީ، ދިވެހިރާއްޖޭގެ ސިވިލް ސަރވިސް ޤާނޫނުގެ ދަށުން ސަރުކާރުން ވަކިވެވަޑައިގެންނެވި 50 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންނަށް 2008 ވަނަ އަހަރު ދެއްވި ޝަރަފުގެ އައްޑަނަ ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.

img:http://s3.psmnews.mv/images/660x400/14720379390767.jpg|އަހުމަދު ކަލޭފާނު އަތޮޅު ރައްޔިތުންގެ ޚިދުމަތުގައި / އޭނާ ވަނީ ދިގުމުއްދަތެއްގައި އަރިއަތޮޅަށް ޚިދުމަތްކުރައްވާފައި

އަޙްމަދު ކަލޭފާނަކީ، ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދުގެ ބޭބޭފުޅެވެ. އަޙްމަދު ކަލޭފާނު އަވަހާރަވިއިރު އުމުރުފުޅަކީ 78 އަހަރެވެ. އޭނާ އަވަހާރަވިއިރު 8 ބޭފުޅުންނާއި އަނބިކަނބަލަކު ދުނިޔޭގައި އެބަހުއްޓެވެ.