ކ. ދިއްފުށީ އިންޖީނުގޭގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ.
ދިއްފުށީ އިންޖީނުގޭގެ އައު އިމާރާތް ހުޅުއްވާދެއްވީ، ރައީސުލްޖުމްހޫރިއްޔާ ކ. އަތޮޅުގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ.
ކ. ދިއްފުށީ އިންޖީނުގޭގެ އައު އިމާރާތް ރަސްމީކޮށް ހުޅުވުމަށް މިއަދު އެރަށުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯގެ އައު އިންޖީނުގެ ހުޅުއްވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި، ތުލުސްދޫ ދާއިރާގެ މެމްބަރު އަދިި އެރަށު ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގަތެވެ.
މި މަޝްރޫޢުގެ ދަށުން އައު އިންޖީނުގެ، ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންފާރު ރާނާފައިވެއެވެ. މި މަޝްރޫޢުގެ މަސައްކަތް 26 ޖޫން 2024 ގައި ފަށައިފާވާއިރު މިއަހަރުގެ އެޕްރީލްމަހު 30 ގައި މަސައްކަތް ވަނީ ނިންމާފަައެވެ.
މި މަޝްރޫޢު މަސައްކަތް ހަވާލުކޮށްފައިވަނީ ސަންވިލް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ އަގަކީ 12.5 މިލިޔަން ރުފިޔާއެވެ.
ދިއްފުށީގެ ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 2.2 މެގަވޮޓެވެ. ނަަމަވެސް އައު އިންޖީނުގޭގެ އިންސްޓޯލަބަލް ކެޕޭސިޓީއަކީ 7 މެގަވޮޓްކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. އައު އިންޖީނުގޭގައި އިންޖީން ރޫމާއި ކޮންޓްރޯލް ރޫމްގެ އިތުރުން އޮފީސް ބަޔަކާއި، އެކޮމޮޑޭޝަން ބްލޮކެއްވެސް ހިމެނޭނެ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
މި އޮފީސް ހުޅުއްވާދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އޮފީސް ބައްލަވާލައްވާފައެވެ.