ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާދިއްޕޮޅު އަދި މާލެ އަތޮޅުގެ ރަށްތަަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޅ. ނައިފަރަށް ވަޑައިގެންފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޅ. އަދި ކ. އަތޮޅަށް ކުރައްވާ ދަތުފުޅުގައި ވަޑައިގެންނެވި 4ވަނަ ރަށެވެ.
ޅ. ނައިފަރަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ނައިފަރަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެރަށުގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫއުތަކެއް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ރައީސްގެ މި ދަތުރުފުޅުގައި ޅ.ނައިފަރުގެ މަގު ހެދުމުގެ މަސައްކަތް ފައްޓަވައިދެއްވުމާއި، ނައިފަރުގައި 30 ޓަނުގެ އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ފައްޓަވައިދެއްވުމާއި، ނައިފަރު ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވުމާއި، އެރަށުގައި ފުލުހުންގެ އެކޮމޮޑޭޝަނެއް ޤާއިމުކުރުމުގެ މަސައްކަތް ފައްޓަވައިދެއްވުމުގެ އިތުރުން ނައިފަރުގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަރުވާދޭ ތެރަޕީ ސެންޓަރަށް ޒިޔާރަތްކުރެއްވުން ހިމެނެއެވެ. ހަމަމިއާއެކު، ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުންވެސް މި ދަތުރުފުޅުގައި އޮންނާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ހިންނަވަރު، ނައިފަރު، ކުރެންދޫ އަދި އޮޅުވެލިފުއްޓަށް ވަޑައިގަންނަވާނެއެވެ. އަދި މާލެ އަތޮޅުން އެމަނިކުފާނު ވަޑައިގަންނަވާނީ ކާށިދޫ، ދިއްފުށި އަދި ތުލުސްދޫއަށެވެ.
މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.