ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިމެނޭހެން ޅ. ހިންނަވަރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޅ. ހިންނަވަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިހާތަނަށް އައިރުވެސް ހިންނަވަރު ހިއްކި ބިމުގައި އަސާސީ ޚިދުމަތްތައް ޤާއިމުކޮށްފައި ނުވާކަމަށާއި އެތަނަށް ފެނާއި ކަރަންޓްލުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަދި ހިންނަވަރު ހައުސިން މަޝްރޫޢުވެސް ހުއްޓިފައިވާކަން ފާހަގަކުރައްވަމުން ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން އެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރިއަށްގެންގޮސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ވީ އެންމެ އަވަހަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އިތުރު 100 ހައުސިން ޔުނިޓް ހިންނަވަރުގައި އަޅުއްވައިދެއްވާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ހިންނަވަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފެށުނު މަޝްރޫޢުތަކަށްވެސް އަލިޅުވާލެއްވިއެވެ. އެގޮތުން ޤައުމީ ޔުނިވަރސިޓީގެ ދަނާލާއި ކެމްޕަސް އެޅުމުގެ މަސައްކަތް ކުރިއަށްގެންގޮސްދެއްވާނެ ކަމަށާއި އެ ރަށު ސްކޫލަށް ބޭނުންވާ ކްލާސްރޫމާއި އެޑްމިން ބްލޮކްގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ. އަދި ބިންގާ އެޅުނު ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްގެ ބްރާންޗްގެ މަސައްކަތް ނިމި، އަންނަ އަހަރުގެ މާރޗް މަހު އެތަނުގެ ޚިދުމަތް ދެވެން ފެށޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އަލަށް ބިންގާ އެޅި ފުލުހުންގެ މަރުކަޒާއެކުވެސް ރަށަށް ބޮޑެތި ފައިދާތަކެއް ލިބޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
"ފުލުހުންގެ ޚިދުމަތް ދިނުމަށް ބޮޑު މަރުކަޒެއް އަޅަން މި ފެށުނީ. ވަރަށް މުހިންމުކަމެއް މިފަދަ އާބާދީ ބޮޑު ރަށެއްގައި ރަނގަޅު ފެންވަރުގައި ޚިދުމަތްދެވޭ ފުލުހުންގެ މަރުކަޒެއް ހުރުމަކީ. އަމާންވެށްޓެއް ޤާއިމުކުރުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅިވަރުގެ ދާއިރާއިން ހިންނަވަރަށް ގެންނަން ބޭނުންވާ ތަރައްޤީގެ ވާހަކަފުޅުތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން އަލަށް ބިންގާ އެޅުނު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އަވަހަށް ކުރިއަށްގެންގޮސްދެއްވާނެ ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ސްޕޯޓްސް ކޮމްޕްލެކްސްއެއް ހިންނަވަރުގައި އަޅުއްވައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ސްވިމިން ޓްރެކެއްވެސް އަޅުއްވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ހިންނަވަރުގެ ބަނދަރަށް ގެންނަން ބޭނުންވާ ދެ ބަދަލެއްގެ ތަފްސީލްވެސް ވަނީ ހިއްސާކުރައްވާފައެވެ. އެ ބަދަލުތަކަކީ ބޭރު ތޮށި އުސްކުރެއްވުމާއި ބޭރު ތޮށީގައި އޮޑިދޯނިފަހަރު އެޅޭ ގޮތް ހެދުމެވެ. ރައީސް ވިދާޅުވީ މި މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންގޮސްދެއްވާނެ ކަމަށެވެ.
ހިންނަވަރުގައި 5000އެއްހާ މީހުން ދިރިއުޅެއެވެ.