ދައުލަތުން ކުރީގެ ރައީސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ އަޑު އެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އޮއްވާ އަޑުއެހުމަށް ވަޑައިނުގަތް، ހއ. ދިއްދޫއަށް ވަޑައިގެންފިއެވެ.
މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން ކްރިމިނަލް ކޯޓުން ވިދާޅުވީ މިއަދުގެ މެންދުރު 14:30އަށް ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށްކުރާ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދަޢުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި އަޑުއެހުމަށް ދަޢުވާ ލިބޭ ފަރާތުން ހާޒިރުވެފައިނުވާތީ އަޑުއެހުން ކެންސަލްކޮށްފައިވާކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވިއެވެ.
ތަވާލުކޮށްފައިވާ އަޑު އެހުމަށް ވަޑައިގަތުމުގެ ބަދަލުގައި ރައީސް ޔާމީން ވަނީ ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ތިލައުތުރު އެވޯޑު" ދިނުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވުމަށްޓަކައި އެ ރަށަށް ވަޑައިގެންފައެވެ.
ކްރިމިނަލް ކޯޓުން ވިދާޅުވީ ދަޢުވާ ލިބޭ ފަރާތުން މަޤުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމަކީ އަދި މައްސަލަ ތާވަލު ކުރެވިފައި ވަނިކޮށް ކޯޓުގެ ހުއްދަނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ، އެ ފަރާތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ޢަމަލުތަކެއް ކަމަށެވެ.