ޚަބަރު

ވިކްޓްރީން ހުރިހާ ޒޯނެއްގައިވެސް ކުޅުން ރަނގަޅުކުރަން ޖެހޭ، ދުވަސް ނަގާނެ: ކޯޗު ޖޯޖްލީ


  • އެންމެފަހުން ކުޅުނު މެޗުގައި ވިކްޓަރީ ނިއު އަތުން ބަލިވީ 4-0 ލަނޑުން

  • މިރޭ ނިކުންނާނީ ޓީސީއާ ދެކޮޅަށް

ނިއުރޭޑިއަންޓާއި ދެކޮޅަށް ކުޅުނު އުނދަގޫ މެޗަށްފަހު ވިކްޓްރީން ކުރިޔަށް އޮތް މެޗަށް ކުޅުންތެރިންގެ ރިކަވަރީއަށް ވަގުތު ދިނުމަށްފަހު މިރޭގެ މެޗުގައި ގިނަ ކަންތައްތަކެއް ރަނގަޅުކުރަން މަސައްކަތް ކުރާނެ ކަމަށް ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗު ޖޯޖްލީ ގެރީ ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކުލަބު، ޒަމާންވީ ވާދަވެރިޔާ ނިއު ރޭޑިއަންޓް ސްޕޯޓްސް އަތުން 4-0 ގެ ބޮޑު ފަރަގަކުން ބަލިވި "ރަސް ވާދަ" މެޗަށް ފަހު ޕީއެސްއެމް ނިއުސް" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޖޯޖްލީ ބުނީ އެއީ އުނދަގޫ މެޗެއް ކަމަށެވެ. އަދި ފުރަތަމަ ހާފްގެ ކުރީކޮޅު ނިއުރޭޑިއަންޓުން ދެ ލަނޑު ލީޑެއް ނެގުމާއި އެކު އިތުރަށް ވިކްޓްރީގެ ކުޅުންތެރިންނަށް ކުރިޔަށްދާން އުނދަގޫވި ކަމަށެވެ.

ސްލޮވާކިއާގެ ތަޖުރިބާކާރު ކޯޗު ޖޯޖްލީ ބުނީ މިއަދުގެ މެޗަށް ނިކުންނައިރު އޮފެންސިވް އަދި ޑިފެންސިވް ޒޯނާއި މެދުތެރޭގައިވެސް ކުޅުން ރަނގަޅު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ. ވިކްޓްރީގެ ކޯޗު ކަމާ ހަވާލުވުމަސްފަހު އަދި މާ ގިނަ ދުވަސްތަކެއް ނުވާއިރު ކޯޗު ބުނީ ވިކްޓްރީ ގެންދަން ބޭނުންވާ ހިސާބަށް ދާން ވަގުތު ނަގާނެ ކަމަށާއި މިއީ އެހާ އަވަހަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

"މިއީ ދިގު ޕްރޮސެސްއެއް. ގޭމުގެ ހުރިހާ ބައެއްގައިވެސް ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންތައްތައް އެބަހުރި. އޮފެންސިވްގައި ޑިފެންސިވްގައި އަދި ޕާސިން ޓްރާންސިޝަންސްގައިވެސް" ޖޯޖްލީ ބުންޏެވެ.

ނިއު ރޭޑިއަންޓާއި ދެކޮޅަށް ކުޅުނު މެޗަށް އިޝާރާތް ކުރަމުން ވިކްޓްރީގެ ކޯޗު ބުނީ އެ ޓީމުގެ ޕާސްތަކުގައި މައްސަލަ އުޅޭކަމަށާއި، މެދު ތެރެއިން ފަސޭހައިން ބޯޅަ ގެއްލޭ މައްސަލަވެސް ހައްލުކުރަން ޖެހޭކަމަށެވެ. އަދި އޮފެންސިވް ޒޯނާއި ޑިފެންސްގައިވެސް ރަނގަޅު ކުރަންޖެހޭ ކަންކަން ގިނަ ކަމަށެވެ.

ބައެއް ފަހަރު ކުޅުންތެރިން ކުޅޭތަން ފެންނަނީ މާ މަޑުމައިތިރިކޮށް ކަމަށާއި، މެޗެއްގައި މާ މަޑުން ތިބެގެން ކުޅެގެން ނުވާނެ ކަމަށާއި، ހުރިހާ ހިސާބެއްގައި ކުޅުން ވަރުގަދަ ކުރަން ޖެހޭ ކަމަށް ކޯޗު ބުންޏެވެ.

ތާވަލުގެ 7 ވަނައިގައި މިވަގުތު އޮތް ވިކްޓްރީ ސްޕޯޓްސް ކުލަބުން މިރޭ ނިކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.