އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސަންޑަލެންޑް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުން ފަހު ވަގުތު 2-1 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެ އެވެ.
ލަންޑަނުގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗުން ސަންޑަލެންޑް ހޯދި މޮޅާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 9 މެޗުން ލިބިފައިވާ 17 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. ޗެލްސީ އަށް 9 މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 8 ވަނައިގަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ގިނައިރު ޗެލްސީ އިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ސަންޑަލެންޑް އިން ވަނީ ކައުންޓަ އެޓޭކް ތަކުގައި ޗެލްސީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
މެޗުގެ 4 ވަނަ މިނިޓުގައި ޕެޑްރޯ ނެޓޯގެ އެސިސްޓަކުން އަލެހަންދްރޯ ގަރްނާޗޯ ލަނޑެއް ޖަހާ ޗެލްސީ އަށް ކުރި ހޯދަދިން ނަމަވެސް މެޗުގެ 22 ވަނަ މިނިޓުގައި ވިލްސަން އިސިޑޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި ހަތަރުވަނަ ލަނޑެވެ.
މި ލަނޑަށްފަހުވެސް ސަންޑަލެންޑް އަށް ވަނީ މި މެޗުގައި ލީޑު ނަގަން ފުރުސަތު ލިބިފަ އެވެ.
ޗެލްސީ އަށް އިތުރު ލަނޑެއް ނުޖެހި ގިނައިރުވުމާއިއެކު ކޯޗު އެންޒޯ މަރެސްކާ ވަނީ އެ ޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިން ދެވަނަ ހާފުގައި ބަދަލުކޮށްފަ އެވެ. އެގޮތުން އެސްޓެވާއޯ ވިލިއަން އާއި އެންދްރޭ ސަންޓޯސްގެ އިތުރުން ގިޓެންސް އާއި ތައިރިގް ޖޯޖް ކުޅެން އަރުވާފައިވަނީ ފުރަތަމަ ޓީމުގައި ހިމެނުނު އެޓޭކިން ހަތަރު ކުޅުންތެރިން ބަދަލު ކުރުމަށްފަހުގަ އެވެ.
މި މެޗުން ސަންޑަލެންޑް މޮޅުވި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓުގެ ތެރެއިން ތިންވަނަ މިނިޓުގައި ޗެމްސްޑިން ތަލްބީ އެވެ.
މި ނަތީޖާ އާއިއެކު ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ އަށް ވަނީ އިތުރު ޕްރެޝަރތަކެއް ކުރިމަތިވެފަ އެވެ. ލީގުގައި މިޙާތަނަށް ކުޅުނު 9 މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފައިވާއިރު ޗެލްސީ ވަނީ ތިން މެޗުން ބަލިވެފަ އެވެ.