ޚަބަރު

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިހާތަނަށް 3400 މީހުން ވޯޓުލައިފި


  • ވޯޓުލުން ކުރިއަށްދާނީ 4 ޖެހުމާ ހަމައަށް

  • ޚިޔާލު ހޯދުމުގެ ވޯޓުގައި ހިމެނެނީ ފޭދޫ، ހުޅުދޫ އަދި މީދޫ

އައްޑޫ ސިޓީ 3 ރަށެއްގެ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓުގައި މިހާތަނަށް 3400 އަށްވުރެ ގިނަ މީހުން ވޯޓުލައިފިއެވެ. މިއީ ވޯޓުލުމުގެ ޙައްޤު ލިބޭ 9000 މީހުންގެ ތެރެއިން 35 އިންސައްތަ މީހުންނެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވަކި ޤާނޫނެއްގެ ދަށުން ނަގާ ޚިޔާލު ހޯދުމުގެ ފުރަތަމަ ވޯޓު ނެގުން މިއަދު ހެނދުނު 8 ޖެހިއިރު ވަނީ ފަށާފައެވެ. މިއީ އައްޑޫ ސިޓީގެ 3 ރަށެއްގައި ވަކި ކައުންސިލްތަކެއް އުފެއްދުމަށް ރައްޔިތުންނަނަށް ފެންނަ ގޮތުގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓެލެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ހެނދުނު 3 ޖެހުމާ ހަމައަށް 3،410 މީހަކު ވޯޓު ލާފައިވާ ކަމަށެވެ. އެއީ 1715 އަންހެނުންނާއި 1695 ފިރިހެނުންނެވެ. މި ވޯޓުގައި 9576 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ. ވުމާއެކު 3 ޖެހުމާ ހަމައަށް އަދި ވޯޓު ނުލައި 6،166 މީހުން އެބަތިއްބެވެ.

އައްޑޫގެ ރަށްރަށުގެ މެދުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ މެދު ވޯޓެއް ނަގަނީ ބައެއް ރަށްރަށުން މައި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިފައިވާތީއެވެ. މިކަމުގައި ޤާނޫނީ ގޮތުން ގެނެވޭނެ ބަދަލަކީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ފަހުގައިކަމަށްވާތީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ މިކަމުގައި ސުވާލެއް ހުށައަޅުއްވާފައެވެ. އެގޮތުން ސިޓީގައި އޮތުމަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނަގާ ވޯޓު މިއަދު ހަވީރު 4 ޖެހުމާ ހަމައަށް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

އައްޑޫ، ސިޓީއެއްގެ ގޮތުގައި އޮތުމަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް 2010 ވަނަ އަހަރު ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައިވެސް މި ތިން ރަށުގެ ރައްޔިތުން ވޯޓު ދީފައި ވަނީ ސިޓީއެއް ބޭނުންނުވާ ކަމަށެވެ.