ނިމުނު ހަފްތާގައިވެސް އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގައިދިޔައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހާ ހަމައަށް ހައްދުއްމަތީގެ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެމަނިކުފާނު ވަޑައިގެންނެވިއެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ މުހިންމު ކަންތައްތަކެއް އިޢުލާންކުރައްވާފައެވެ. އެ ގޮތުން ތެލަސީމިއާ އެލަވަންސްގެ ގޮތުގައި އަންނަ އަހަރު 1000 ރުފިޔާގެ އެލަވަންސެއް ދޭން ފަށްޓަވާނެކަން ރައީސް އިޢުލާންކުރެއްވިއިރު، އެކަނިވެރި މައިންގެ އެލަވަންސް އަންނަ އަހަރުން ފެށިގެން 3000 ރުފިޔާއަށް ބޮޑުކުރަން ނިންމަވާފައިވާކަން ވެސް އެމަނިކުފާނު އިޢުލާންކުރެއްވިއެވެ.
ހަަމައެއާއެކު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފައިވާކަން ރައީސް އިޢުލާންކުރެއްވީވެސް މި ދަތުރުފުޅުގެ ތެރެއިންނެވެ.
• ކައްދޫ އެއަރޕޯޓު ތަރައްޤީކުރާނީ 2800 މީޓަރުގެ ރަންވޭއަކާއެކު އިންޓަރނޭޝަނަލް ފެންވަރަށްކަމަށް ރައީސް ވިދާޅުވި (20 އޮކްޓޫބަރު)
• ކައްދޫ އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުން (21 އޮކްޓޫބަރު)
• މާމެންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފެށުން (21 އޮކްޓޫބަރު)
• ހުޅިމެންދޫގައި ހޮޓެލް ސްކޫލަކާއި ރިސޯޓެއް ތަރައްޤީކުރުމަށް އެމްއޭސީއެލްއާ ހަވާލުކުރުން (21 އޮކްޓޫބަރު)
• ޓަރޝިއަރީ ހޮސްޕިޓަލާއި ހައުސިން ޔުނިޓްތައް ހިމެނޭގޮތަށް ގަމުގައި ތަރައްޤީގެ މަޝްރޫޢުތަކެއްގައި ސޮއިކުރުން (21 އޮކްޓޫބަރު)
• ލ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމްކުރުން (22 އޮކްޓޫބަރު)
• ލ. ކަލައިދޫ ދަނބިދޫ ކޯޒްވޭގެ ޢަމަލީ މަސައްކަތް ފެށުން (22 އޮކްޓޫބަރު)
(21 އޮކްޓޫބަރު) ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ މެންބަރުން އައްޔަންކުރި ޚަބަރު ފާހަގަކޮށްލެވެއެވެ. މި ކޮމިޝަނަށް މަޖިލީހުން އައްޔަންކުރެއްވި 3 މެންބަރުންނަކީ މުޙައްމަދު ފަރުޞަތާއި ސަފާ ޝަފީޤާއި އަލްއުސްތާޛާ އާމިނަތު ސަރާޙަތު ޢިއްޒަތެވެ. (23 އޮކްޓޫބަރު) އަދި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަންގެ ރައީސަކަށް ފަރުޞަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކުރީވެސް ނިމުނު ހަފުތާގައެވެ.
(20 އޮކްޓޫބަރު) ހަމައެއާއެކު ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ސައްހަ ނޫން ލިޔެކިޔުންތައް ކޯޓަށް ހުށަހަޅައިގެން މަކަރާއި ޙީލަތުން ދައުލަތުން ފައިސާ ހޯދަން އުޅޭކަމަށް އޮޑިޓުން ދެއްކުމާ ގުޅިގެން އެ މައްސަލައިގައި ތުހުމަތުވާ ފަރާތްތަކާމެދު ތަހުގީގު ހިންގައި، ފިޔަވަޅު އެޅުމަށް ބަންޑާރަނައިބު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅީ ނިމުނު ހޯމަ ދުވަހުއެވެ.
މަޖިލީހުގެ މަސައްކަތްތަކަށް ބަލާލާއިރު، އިންވެސްޓަރުން ޝައުޤުވެރިކުރުވަން ބޮޑެތި ލުއިތަކަކާއެކު ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ބިލު ހުށައެޅި ޚަބަރު ފާހަގަކޮށްލެވެއެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
(20 އޮކްޓޫބަރު) މީގެ އިތުރުން ނިމުނު ހަފުތާގައި ފެމެލީ ކޯޓުގެ ޤާޟީގެ މަޤާމަށް އަލްއުސްތާޛު އަޙްމަދު މަޢުޞޫމް އަދި އަލްއުސްތާޛު މުޙައްމަދު ޒާހިދު އައްޔަންކުރެއްވީވެސް ނިމުނު ހަފުތާގައެވެ.
(23 އޮކްޓޫބަރު) އިޤުތިޞާދާއި ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރުމުގެ މަސައްކަތަށް ޤާއިމްކުރާ ފެސިލިޓީ ތަރައްޤީކުރުމަށް ކަނޑައަޅުއްވާފައިވާ ބިން ހަވާލުކުރި ޚަބަރު ފާހަގަކޮށްލެވެއެވެ.
(21 އޮކްޓޫބަރު) މީގެ އިތުރުން ވޯލްޑް ޓޫރިޒަމް އެވޯޑްސް 2025ގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ދިވެހިރާއްޖެއަށް ލިބުނީ ނިމުނު އަންގާރަ ދުވަހުއެވެ. މި އެވޯޑް ދިވެހިރާއްޖެއަށް ލިބިފައިވަނީ މިއަހަރުގެ ވޯލްޑް ޓޫރިޒަމް އެވޯޑްސް ދިނުމަށްޓަކައި ބެލްޖިއަމްގެ ވެރިރަށް، ބްރަސަލްސްގައި ބޭއްވި ހަފުލާއެއްގައެވެ.
(24 އޮކްޓޫބަރު) އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ދުނިޔޭގެ ފުޓުބޯޅައިގެ ވެރިޔާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ ވަޑައިގެން ޚަބަރު ފާހަގަކޮށްލެވެއެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތީ ރާއްޖޭގެ މައި ފުޓުބޯޅަ އިދާރާ، އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤްގެ ދަޢުވަތަކަށެވެ.
(18 އޮކްޓޫބަރު) ހަމައެއާއެކު އެއްފަހަރާ އެންމެ ގިނަ މީހުން ސްނޯކްލިން ކުރުމުގެ ދުނިޔޭގެ ރިކޯޑު ރާއްޖެއިން ޤާއިމުކުރީ ވެސް ނިމުނު ހަފުތާގައެވެ. (22 އޮކްޓޫބަރު) އަދި ހުޅުމާލޭ ޕޯޓް ޓަރމިނަލްގައި ބަހައްޓާފައިހުރި ސިނގިރޭޓު 2 ކޮންޓެއިނަރު ވަގަށް ނެގި މައްސަލާގައި އިތުރު އެކަކު ފުލުހުން ހައްޔަރުކުރީ ނިމުނު ބުދަ ދުވަހުއެވެ.
(22 އޮކްޓޫބަރު) މީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި ދެމަފިރިއަކު މަރުވެފައި އޮއްވާ ފެނުނު ޚަބަރަކީވެސް ފާހަގަކޮށްލެވޭ ޚަބަރެކެވެ. (23 އޮކްޓޫބަރު) އަދި މާލެ-ވިލިމާލެ މަގުތައް ތަރައްޤީކުރަން ޑިޒައިންކުރުމުގެ މަރުހަލާ ފެށުމަށް އެއްބަސްވުމެއް އެކުލަވާލިއިރު، (19 އޮކްޓޫބަރު) ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަނޑަށް ހޮޅި ލައްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް އައިޖީއެމްއެޗްގައި ފެށީ ވެސް ނިމުނު ހަފުތާގައެވެ.
މި ޚަބަރުތަކާއެކު ނިމުނު ހަފުތާގައިވެސް ސިޔާސީ އިޤުތިޞާދީ، ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކެއް ނޫސްތަކުގެ ސުރުޚީތަކުން ފެނިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.