ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާބައިދޫއަށް ވަޑައިގެންފިއެވެ.
ލ. މާބައިދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުންވަނީ އެމަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މާބައިދޫއަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރެއްވުމަށް ވަނީ ހަަމަޖެހިފައެވެ. ހަމަމިއާއެކު، ރައީސުލްޖުމްހޫރިއްޔާ މާބައިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުންވެސް މި ދަތުރުފުޅުގައި އޮންނާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ހައްދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި، އެއަތޮޅުގެ މީހުން ދިރިއުޅޭ 11 ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން މި ދަތުރުފުޅުގައިވެސް، ރައީސްގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.