ޚަބަރު

އައު ޓަރމިނަލަށް ސައުދިއާގެ ޚިދުމަތްތައް ބަދަލުކޮށްފި


  • މިއީ އައު ޓަރމިނަލުން ޚިދުމަތް ދޭން ފެށި 11 ވަނަ އެއަރލައިން

  • ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައިވޭ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް، ވީއައިއޭގެ އައު ޓާމިނަލްއިން ސައުދިއާއަށް ޚިދުމަތް ދޭން ފަށައިފިއެވެ. ސައުދިއާ އަކީ އައު ޓަރމިނަލުން ހިދުމަތް ދޭން ފެށި 11 ވަނަ އެއާލައިނެވެ.

އައު ޓަރމިނަލް ނުވަތަ، ޓަރމިނަލް 1އިން ސައުދިއާއަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވީއައިއޭގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދުއެވެ.

މި ރަސްމިއްޔާތުގައި ސައުދީ އަރަބިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހުތާނީ, ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ ސައުދިއާގެ މެނޭޖަރު އީސަމް އަލް ހަބްސީ, ރާއްޖެ އާއި ސްރީ ލަންކާ އަދި ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ސައުދިއާގެ އޮޕަރޭޝަންސް މެނޭޖަރު ސާދް އަލް ސާލިހްގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ސައުދިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 57 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1އަށް ކައިރި ކުރި ސައުދިއާގެ ފުރަތަމަ މަތިންދާބޯޓުން ރާއްޖެ އައި 127 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ސައުދިއާ އަކީ ސައުދީ އަރަބިއާގެ ޤައުމީ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 30 މާޗު 2016 ގައެވެ.

ސައުދިއާ އަކީ ޓާމިނަލް 1އިން ހިދުމަތް ދޭން ފެށި 11 ވަނަ އެއާލައިނެވެ. އަދި ޓާމިނަލް 1އިން ހިދުމަތް ދޭން ފެށި ސައުދީ އަރަބިއާގެ ފުރަތަމަ އެއާލައިނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުންކަމަށް އެކުންފުނިން ވިދާޅުވެއެވެ.