ޚަބަރު

އިސްލާމީ ތައުލީމުގެ އަލީގައި ހައްދުފަހަނައެޅުމުން ރައްކާތެރިވުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް


  • މިއީ އައިއެމްސީޓީސީއާއި އެންސީޓީސީއިން ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެއް

  • މި ޕްރޮގްރާމުގައި ކުރިއަށްދާނީ މިމަހުގެ 19އިން 23އާ ހަމައަށް

ހައްދުފަހަނައެޅުމުގެ ނުރައްކާތެރިކަމާއި އިސްލާމީ ތައުލީމުގެ އަލީގައި އެކަމުން ރައްކާތެރިވެވޭނެ ގޮތްތަކާބެހޭގޮތުން ތަންފީޒީ އިދާރާތަކާއި ތައުލީމީ ދާއިރާގެ ބޭފުޅުންނަށް ހޭލުންތެރިކުރުވުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމު ކުރިއަށްދާނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން 23ވަނަ ދުވަހާއި ހަމައަށެވެ.

މިއީ އިސްލާމީ ޤައުމުތަކުގެ އަސްކަރިއްޔާތައް ގުޅިގެން ސަޢޫދީ ޢަރިބިއްޔާގައި ޤާއިމްކޮށްފައިވާ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން، އައިއެމްސީޓީސީއާއި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ، އެންސީޓީސީއިން ގުޅިގެން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ ތަންފީޒީ އިދާރާތަކާއި ތައުލީމީ ދާއިރާގެ ބޭފުޅުންނެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ހައްދުފަހަނަ އެޅުމުގެ ނުރައްކަލުން ރައްކާތެރިވުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ ތަމްރީން ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމުގައި، ހައްދުފަހަނައެޅުމުގެ ނުރައްކާތެރިކަމާއި އިސްލާމީ ތައުލީމުގެ އަލީގައި އެކަމުން ރައްކާތެރިވެވޭނެ ގޮތްތަކާބެހޭގޮތުން ސައުދީ އަރަބިއްޔާގެ އިލްމުވެރިން މައުލޫމާތު ދެއްވާނެއެެވެ.

މި ތަމްރީނު ޕްރޮގްރާމް ޝަރަފުވެރިކޮށްދެެއްވީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ، އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އައިޝަތު ސެހެނާޒް އާދަމެވެ.  

އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން، އައިއެމްސީޓީސީއަކީ 43 އިސްލާމީ ޤައުމެއްގެ އަޝްކަރިއްޔާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާގައި އުފައްދާފައިވާ ކޯލިޝަނެކެވެ. މި ކޯލިޝަނުން މެމްބަރު ޤައުމުތަކުގައި ޓެރަރިޒަމާއި ހައްދުފަހަނައެޅުމާ ދެކޮޅަށް ހޭލުންތެރިކަން އުފެއްދުމާއި ޤާބިލްކަން އިތުރުކުރުމުގެ ތަފާތު ޕްރޮގްރާމުތައް ދަނީ ހިންގަމުންނެވެ.

މިގޮތުން މި އަހަރުގެ ތެރޭގައި ހައްދުފަހަނައެޅުމުގެ ނުރައްކަލާ ކުރިމަތިލުމަށް ދީނީ ޢިލްމުވެރިންގެ ޤާބިލްކަށް އިތުރުކުރުމަށާއި، މީޑިއާގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ހޭލުންތެރިކުރުމުގެ އިތުރުން ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލްކަށް އިތުރުކުރުމަށް ޕްރޮގްރާމުތައް ހިންގިފައިވެއެވެ.