ސްޕެނިޝް ލީގުގައި ރޭ ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.
މި ނަތީޖާ އާއިއެކު ރެއާލް މެޑްރިޑް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 9 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އަށް 9 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ.
ގެޓާފޭގެ ކޮލިސިއަމް ސްޓޭޑިއަމްގައި ދިހަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ކުރިން ދެ ޓީމުގެ ސަޕޯޓަރުންވެސް ވަނީ ލަލީގާގެ މެޗެއް އެމެރިކާގެ މަޔާމީގައި ކުޅުމަށް ލަލީގާއިން ތާއިދު ކުރުމާއި ދެކޮޅަށް މުޒާހަރާ ކޮށްފަ އެވެ.
އަންނަ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހު ލަލީގާގައި ބާސެލޯނާ އާއި ވިޔަރެއާލް ކުޅޭ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މަޔާމީގެ ހާޑްރޮކް ސްޓޭޑިއަމްގަ އެވެ.
ގެޓާފޭ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.
ރެއާލް މެޑްރިޑަށް މި މެޗުގައި އެޑްވާންޓޭޖް ލިބިފައިވަނީ މެޗުގެ 77 ވަނަ މިނިޓުގައި ގެޓާފޭގެ އެލަން ނިޔޯމް އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއިއެކު އެއް ކުޅުންތެރިއަކު މަދުކޮށް އެ ޓީމުން ކުޅެން ޖެހުމުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިއޯމް ކުޅެން އެރިތާ މިނިޓެއްވެސް ނުވަނީސް އޭނާ އަށް ރަތް ކާޑު ދައްކާދައިވަނީ ވިނިޝިއަސް ޖޫނިއަރ އަށް ފައުލް ކުރުމާއި ގުޅިގެންނެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ގެޓާފޭ އިން ކުޅެން ފެށިތާ ތިންވަނަ މިނިޓުގައި އާޑާ ގުލާގެ ޕާހަކުން ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ ރެއާލް މެޑްރިޑަށް ކުރި ހޯދަދީފަ އެވެ. މިއީ ލަލީގާގައި މި ސީޒަނުގައި އެމްބާޕޭ ޖެހި 10 ވަނަ ލަނޑެވެ.
މި މެޗުގެ 84 ވަނަ މިނިޓުގައި ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއިއެކު ގެޓާފޭގެ އެލެކްސް ސެންކްރިސް އަށް ރަތް ކާޑު ދައްކާފަ އެވެ. އަދި މެޗުގެ ކުޅުން ނިމުނުއިރު އެ ޓީމުގައި ތިބީ ނުވަ ކުޅުންތެރިންނެވެ.
ގެޓާފޭ އަށް މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ލިބުނު ނަމަވެސް އަބޫ ކަމާރާ ފޮނުވާލި ނުރައްކާތެރި ހަމަލާ ކީޕަރު ޓީބާ ކޯޓުއާ ވަނީ ވަރަށް ހުށިޔާރު ކަމާއެކު މަތަކޮށްފަ އެވެ.
ރެއާލް މެޑްރިޑް ދެން އެންމެ އަވަހަށް ކުޅޭނީ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އާއި ދެކޮޅަށް އަންނަ ބުދަ ދުވަހު އެވެ.