ޚަބަރު

ކުރިއަށް އޮތް މެޗަށް ތައްޔާރުވުމަށް ރަނގަޅަށް ފަރިތަކުރުންތައް ބޭއްވުނު: ނިޒާމް


  • މިއަދު ހަވީރު ބުރު ސްޕޯޓްސް ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް

  • ތާވަލުގައި މި ވަގުތު ބުރު ސްޕޯޓްސް އޮތީ 4 ޕޮއިންޓާއެކު ހަތަރުވަނައިގައި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުރިއަށް އޮތް މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށާއި، ނަމަވެސް އިންޓަރނޭޝަނަލް ބްރޭކުގެ ތެރޭގައި އެ މެޗަށް ތައްޔާރުވުމަށް ވަރަށް ރަނގަޅަށް ފަރިތަކުރުންތައް ބޭއްވުނު ކަމަށް ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

އިންޓަރނޭޝަނަލް ބްރޭކަށްފަހު އަލުން ލީގު ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނިޒާމް ބުނީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އަލުން ލީގު ފަށައިގެން ކުރިޔަށްދާއިރު، ދެ ހަފުތާގެ ތެރޭގައި ކުޅުންތެރިން ޝޭޕަށް ގެނެސް އަލުން ކުޅެން ފެށުން އެއީ އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ.

ލީގުގައި ކުރިއަށްދާން ކުޅުންތެރިން އަނބުރާ ކުޅިވަރުގެ ޑިސިޕްލިން ތެރެއަށް ގެނެސް މެޗަށް މޮޅުވުމުގެ ރޫހު އަލުން ގެންނަން ޖެހޭ ކަމަށާއި، އެކަމަށް ދުވަސް ނަގާނެ ކަމަށްވެސް ނިޒާމް ބުންޏެވެ.

"މިދިޔަ ބްރޭކްގައި ވަރަށް ރަނގަޅަށް ޕްރެކްޓިސްތަކާ އެއްޗެހި ގެންދެވުނު. 99 ފަސެންޓް ޕްރެކްޓިސްތަކަށް ހާޒިރުވޭ. އެއީ ހަމަ ވަރަށް ބޮޑު ކުރިއެރުމެއް" ނިޒާމް ބުންޏެވެ.

ލީގު ފެށިއިރު އުނދަގޫ ކަންތައްތަކެއް ހުރިނަމަވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި، ކުޅުންތެރިން ޕީކަށް ލެވޭނީ އަދި ދެ މަހެއްހާ ދުވަސް ފަހުން ކަމަށް ނިޒާމް ބުންޏެވެ. ހުރިހާ ޓީމަކަށްވެސް މި ސީޒަނަކީ ވަރަށް ވާދަވެރި ސީޒަނެއް ކަމަށާއި، އެއްވެސް ޓީމަކަށް ފަސޭހަ ނުވާނެ ކަމަށްވެސް ނިޒާމް ބުންޏެވެ.

ބުރު ސްޕޯޓްސް ކުލަބުން އެންމެ ފަހު ކުޅުނު މެޗުގައި ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. ތާވަލުގައި މިވަގުތު ބުރު އޮތީ 4 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. މިއަދު ހަވީރު ބުރުން ނުކުންނާނީ ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.