ކުޅިވަރު

އެންޑްރިކް މި ވަގުތަށް ރެއާލްއިން ފޮނުވާލަނީ


ރެއާލް މެޑްރިޑުގެ ބްރެޒިލް ފޯވާޑް އެންޑްރިކް ފިލިޕޭ، ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ފްރާންސްގެ މާސޭއަށް ދޫކޮށްލާނެ ކަމަށް ސްޕެއިނުގެ ނޫސްތަކުން ބުނެފިއެވެ.

އުމުރުން 19 އަހަރގެ ކުޅުންތެރިޔާ މި ވަގުތަށް ދޫކޮށްލަން ރެއާލްއިން ބޭނުންވަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ދޫކޮށްލަން ބޭނުންވާ ސަބަބަކީ ޓީމުގެ ވާދަވެރިކަން ބޮޑުވުމުން އެންޑްރިކަށް ކުޅުމުގެ ވަގުތު ނުލިބޭތީ އެވެ. އަނިޔާގެ ސަބަބުންނާ ވެސް އެކު މި ސީޒަނުގައި އަދި އޭނާ އަށް އެންމެ މިނިޓެއް ކުޅެން ނުލިބެ އެވެ.

މިއަށްވުރެ ބޮޑަށް ރެއާލްގެ ފުރަތަމަ 11އިން ޖާގަ ލިބުން ގާތީ ރޮޑްރީގޯ އާއި ސްޕޭނުގެ ޒުވާން ފޯވަޑް ގޮންޒާލޯ ގާސިއާ އަށެވެ. ޓީމުގެ ފުރަތަމަ 11ގައި ގަވާއިދުން ކުޅެމުންދަނީ ފްރާންސްގެ ކެޕްޓަން ކީލިއަމް އެމްބާޕޭ އާއި ބްރެޒިލްގެ ފޯވަޑް ވިނީޝިއުސް ޖޫނިއާ އެވެ.

އެންޑްރިކް ވެސް މި ވަގުތު ހުރީ މާސޭ އަށް ނުވަތަ އިނގިރޭސިވިލާތުގެ ނިއުކާސަލް ފަދަ ކުލަބަކަށް ބަދަލުވާ ގޮތަށެވެ. ސަބަބަކީ އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބްރެޒިލް ޓީމުން ޖާގަ ލިބެން އޮތީ ގަވާއިދުން ކުޅެގެން ކަމަށްވާތީ އެވެ.

އެންޑްރިކް ވަނީ ހުސްވި ސީޒަނުގައި ރެއާލް އަށް ބަދަލުވެ، ރަނގަޅު ކުޅުމެއް ދައްކައި ރެއާލް އާއި ބްރެޒިލަށް ވެސް ގޯލުތަކެއް ޖަހައިދީފަ އެވެ.