ބަންކަރިން ޚިދުމަތުން މިހާތަނަށް 514 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން ވިދާޅުވެއްޖެއެވެ.
ބަންކަރިން ޚިދުމަތަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުކުރުމަށް ފަށާފައިވާ މަސައްކަތެކެވެ. 2024 ވަނަ އަހަރު ސެޕްޓެންބަރު މަހުން ފެށި މި ޚިދުމަތަކީ އޮފްޝޯކޮށް އެކަމަށް ޚާއްސަ ބޯޓެއް ގެނެސް އެސްޓީއޯ މެދުވެރިކޮށް ދޭ ޚިދުމަތެކެވެ. މި ޚިދުމަތް ފެށިފަހުން ޚިދުމަތް ހޯދާ މިންވަރު އިތުރުވެ، ލިބޭ ޖުމްލަ އާމްދަނީ އަންނަނީ އިތުރުވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިޞާދީ ތަަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ފެށި ފަހުން މިހާތަނަށް ބޮޑު އާމްދަނީއެއް ލިބެމުން އަންނަކަމަށެވެ.
ވަޒީރު ވިދާޅުވީ 2024 ވަނަ އަހަރު ޑެލިވަރީ މެޓްރިކްޓަނުން ބަލާނަމަ 55000 ޓަން މިޚިދުމަތުގައި ދައުރުކޮށްފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ ބިންހިއްކަން ބޭނުންވާ ސްޓޯރޭޖް ފެސިލިޓީ ޤާއިމްކޮށް މަސައްކަތް ކުރެވޭނަމަ ލިބޭ އާމްދަނީ މިހާރަށްވުރެ އިތުރުކުރެވޭނެކަަމަށެވެ. ވަޒީރު ވިދާޅުވީ މި މަސައްކަތަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއްކަމަށެވެ.
" ބަންކަރިންގެ ޚިދުމަތް ބިން ހިއްކައިގެން ޓޭންކުތައް ޤާއިމްކޮށްގެން ބޯޓު ފަހަރަށް ކައިރިކޮށްގެން މިކަން ކުރެވޭގޮތަށް މިކަން ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވަނީ އަދި ކުރެވެމުންދަނީ. ހަމައެކަނި ބަންކަރިން އެކަންޏެއް ނޫން. އެއީވެސް އިކޮނޮމިކް ޑައިވާރސިފިކޭޝަނަށް ސަރުކާރުން ކުރާ އެއްމަސައްކަތް" ވަޒީރު ވިދާޅުވިއެވެ.
މި ޚިދުމަތް ފެށިފަހުން މިއަހަރުގެ މިހާތަނައް މި ޚިދުމަތުން 514 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އަދި ޓެކުހުގެ ގޮތުގައި 47 މިލިޔަން ރުފިޔާ ދައްކާފައިވާކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. ބަންކަރިންގެ ޚިދުމަތުން މަހުން މަހަށް ލިބޭ އާމްދަނީވެސް އަންނަނީ އިތުރުވަމުންނެވެ. ބަންކަރިން ޚިދުމަތް ފެށި ފަހުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި، ލޯ ސަލްފަރ އޮއިލްއިނެވެ.
ބަންކަރިން ޚިދުމަތް ރާއްޖޭގައި ފެށީ ބައިނަލްއަޤްވާމީ ގޮތުން މިޚިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ވިޓޯލް ކުންފުންޏާއެކުއެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް، ފެށި މަސައްކަތް އިތުރަށް ހަރުދަނާކޮށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ސަރުކާރުގެ އާމާޒެކެވެ. ބަންކަރިން ޚިދުމަތް ފެށިއިރު ސަރުކާރުން ވިދާޅުވީ މި ޚިދުމަތް މެދުވެރިކޮށް އަހަރެއްގެ މައްޗަށް 400 މިލިޔަން ޑޮލަރު ޖީޑީޕީއަށް އިތުރު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މި ޚިދުމަތުން ލިބޭ އާމްދަނީ އިތުރުކޮށް މިހާރަށް ވުރެ ފުޅާކޮށް މިޚިދުމަތް ދިނުމެވެ.