ޖިރޯނާ އަތުން ފަހު ވަގުތު 2-1 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވި މެޗުގައި ކޯޗު ހަންސީ ފްލިކަށް ރަތް ކާޑެއް ދައްކައިފިއެވެ.
ދެ ވަނަ ރީނދޫ ކާޑާއެކު އޭނާ އަށް ރަތްކާޑު ދެއްކުމުން އެންމެ ބޮޑު ވާދަވެރިޔާ ރެއާލް މެޑްރިޑާ ދެކޮޅަށް ސްޕެނިޝް ލީގުގައި ކުޅޭ މެޗުގައި ބެންޗުގައި ނީނދެވޭނެ އެވެ. ނަމަވެސް ބާސެލޯނާއިން ވަނީ މި މައްސަލަ އިސްތިއުނާފު ކުރަން ނިންމައިފަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ފްލިކް ބުނީ ފުރަތަމަ ދެއްކި ރީނދޫ ކާޑުގައި ސަބަބެއް އޮތް ނަމަވެސް ރަތްކާޑު ދެއްކި ސަބަބެއް ނޭނގޭ ކަމަށެވެ.
"އަހަރެން ޑިޔޮންގަށް ދެއްކި ރީނދޫ ކާޑާއެކު އަތްޖެހީ. އެކަމާ ހެދި ރީނދޫ ކާޑު ދެއްކީ. ރަތް ކާޑު ދެއްކި ސަބަބެއް އަހަރެންނަށް ނޭނގޭ. އަހަރެން ހިތްވަރު ދެމުންދިޔައީ އަހަރެންގެ ޓީމަށް. ރެފްރީނ ދަނޑުމަތީގައި ގޮތް ނިންމަނީ. ވީއޭއާރު ބަލަން އެދުމަކީ އަހަރުމެންނަށް އޮތް ހައްގެއް. އޭނާ އަހަރެންނާ ވާހަކަ ދައްކަން ވެސް ބޭނުމެއްނުވި. ފުރަތަމަ ވެސް ދެއްކި ރަތްކާޑު،" ފްލިކް ބުންޏެވެ.
ނަމަވެސް ސްޕޭނުގެ މީޑިއާތަކުން ބުނާ ގޮތުގައި ފްލިކް ވަނީ ދެ ވަނަ ހާފުގައި ޑިފެންޑަރު ޕައު ކުބަރްސީ ޖެހި ގޯލު ރެފްރީ ބަލައި ނުގަތުމުން އެކަމަށް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އޭގެ ފަހުން ބާސެލޯނާ އަށް ޕެނަލްޓީ އެއް ލިބެން ޖެހޭ ކަމަށް ބުނެ ވެސް އަޑު އުފުލައިފަ އެވެ.
ޖިރޯނާ އަތުން ބާސެލޯނާ މޮޅުކޮށްދިން ލަނޑު ޖެހީ ޑިފެންޑަރު ރޮނަލްޑް އަރައުހޯ އެވެ. ބެންޗުގައި އިން މުހިންމު ޑިފެންޑަރު ގާތުގައި ކޯޗު އެދުނީ އަނިޔާގައި ތިބި މުހިންމު ދެ ފޯވަޑުން ކަމަށްވާ ރޮބަޓް ލެވޮންޑޯސްކީ އާއި ފެރަން ޓޮރޭޒްގެ މަގާމަށް ކުޅެދިނުމަށެވެ. މެޗުގައި އަރައުހޯ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ.
"އަހަރެން އޭނާ ގާތުގައި ބުނީ އެތަނަށް ކުޅެވިދާނެހޭ. އޭނަ ބުނީ އާނއެކޭ. އޭނާ ޖެހި ގޯލާ މެދު އަހަރެން އުފާކުރަން. އޭނާ އަކީ އަބަދުވެސް ވަރަށް ހިތުގެ އަޑިން މޮޅުވާން ކުޅޭ ކުޅުންތެރިއެއް،" ކޯޗު ފްލިކް ބުންޏެވެ.
މި މެޗުގެ ފަހު ހާފު ފަށައިގެން މާ ގިނައިރެއް ނުވެ ބެލުންތެރިން ހައިރާންވީ ބާސެލޯނާގެ މުހިންމު ދެ ކުޅުންތެރިން ބަދަލު ކުރުމުންނެވެ. މެދުތެރެއިން މޮޅަށް ކުޅެމުންދިޔަ ޕެޑްރީ އާއި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލަމީން ޔަމާލް ބޭލީ ކޯޗު ބުނާ ގޮތުންނަމަ އެ މީހުންނަށް އަރާމް ކުރަން ފުރުސަތު ދިނުމަށެވެ.
"އެމީހުންގެ ހާލަތާމެދު އަހަރުމެން ވިސްނަންޖެހޭ. އެ މީހުންގެ ވަރުބަލިކަން ވަރަށް ބޮޑު. އެހެންވެ އަހަރެން އެހެން ކުޅުންތެރިންތަކެއް ނެރުނީ،" ކޯޗު ބުންޏެވެ.
މި މެޗުން މޮޅުވުމުން ބާސެލޯނާ ވަނީ 21 ޕޮއިންޓް ހަމަކޮށްފަ އެވެ. ނަމަވެސް ދެ ވަނާގައި އޮތް ރެއާލް މެޑްރިޑް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ބާސެލޯނާ އަށް ލިބޭނީ ދެ ވަނަ އެވެ.