މޯލްޑިވްސް އިމިގްރޭޝަންގެ އަތޮޅުތަކުގެ އޮފީސްތަކުން މިދިޔަ މަހު 960 ޕާސްޕޯޓު ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ޖުމްލަ 3884 ޕާސްޕޯޓް ދޫކޮށްފައިވެއެވެ. އަދި 3897 އެޕްލިކޭޝަނެއް ވަނީ ޕްރޮސެސްކޮށްފައެވެ.
އެގޮތުން ގްރޭޓަރ މާލެ ސަރަހައްދަށް ޕާސްޕޯޓު ދޫކޮށްފައިވާ އަދަދުތަކަށް ބަލާއިރު:
• މާލެއިން 2115 ޕާސްޕޯޓް
• ހުޅުމާލެ ފުރަތަމަ ފިޔަވަހިން 386
• ހުޅުމާލެ ދެވަނަ ފިޔަވަހިން 367 ޕާސްޕޯޓް
• ވިލިމާލެއިން 36 ޕާސްޕޯޓް
މީގެއިތުރުން އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތަކުން މިދިޔަމަހު ޖުމްލަ 960 ޕާސްޕޯޓް ވަނީ ދޫކޮށްފައެވެ.
• ސ. މަރަދޫ 146 ޕާސްޕޯޓް
• ހދ. ކުޅުދުއްފުށި ސިޓީ 144 ޕާސްޕޯޓް
• ލ. ފޮނަދޫ 122 ޕާސްޕޯޓް
• ގދ. ތިނަދޫ ސިޓީ 111 ޕާސްޕޯޓް
• ރ. އުނގޫފާރު 100 ޕާސްޕޯޓް
• ހއ. ދިއްދޫ 70 ޕާސްޕޯޓް
• ޏ. ފުވައްމުލަކު ސިޓީ 65 ޕާސްޕޯޓް
• ށ. ފުނަދޫ 57 ޕާސްޕޯޓް
• ދ. ކުޑަހުވަދޫ 47 ޕާސްޕޯޓް
• ބ. އޭދަފުށި 39 ޕާސްޕޯޓް
• ނ. މަނަދޫ 34 ޕާސްޕޯޓް
• ހއ. އިހަވަންދޫ 11 ޕާސްޕޯޓް
• އއ. ރަސްދޫ 9 ޕާސްޕޯޓް
• ވ. ފެލިދޫ 1 ޕާސްޕޯޓް
• ފ. ނިލަންދޫ 1 ޕާސްޕޯޓް
• މ. މުލި 1 ޕާސްޕޯޓް
• ތ. ވިލުފުށި 1 ޕާސްޕޯޓް
• ތ. ވޭމަންޑޫ 1 ޕާސްޕޯޓް
މީގެ އިތުރުން މެލޭޝިޔާގެ ކުއަލަލަންޕޫރުގައި ހުންނަ އިމިގްރޭޝަން އޮފީހުން 20 ޕާސްޕޯޓް ދޫކޮށްފައިވާއިރު، މިދިޔަމަހު 25 ޕާސްޕޯޓެއް ގެއްލިގެން ރިޕޯޓްކުރިކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. އެމަނިކުފާނުގެ މިސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެންބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.
ރައީސްގެ ވަޢުދާއެއްގޮތަށް މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ މިހާރުވަނީ ފުއްދަވާފައެވެ. ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށުމާއެކު އަތޮޅުތެރެއިން މާލެއަށް ޕާސްޕޯޓުގެ ޚިދުމަތް ހޯދުމަށް ރައްޔިތުންކުރި ދިގު ދަތުރުތައް ވަނީ ނިމުމަކަށް އައިސްފައެވެ. އެގޮތުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި އެކަމަށް ޚާއްސަކޮށްފައިވާ ރަށުން ފަސޭހަކަމާއެކު ޕާސްޕޯޓުގެ ޚިދުމަތް މިހާރު ލިބިގެންދާނެއެވެ.