ޚަބަރު

އެންމެ އާމްދަނީ ބޮޑު ދިހަ ކުޅުންތެރިންގެ ތެރޭގައި ޔަމާލް


ދުނިޔޭގެ އެންމެ އާމްދަނީ ބޮޑު ދިހަ ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާގެ ޒުވާން މިޑްފީލްޑަރ ލަމީން ޔަމާލް ހިމެނިއްޖެ އެވެ.

ފޯބްސް އިން ހާމަކޮށްފައިވާ ގޮތުގައި މި ހިނގާ 2025 ވަނަ އަހަރު އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ދިހަ ކުޅުންތެރިންގެ ތެރޭގައި އުމުރުން 18 އަހަރުގެ ލަމީން ޔަމާލް ހިމެނިފައިވާއިރު އޭނާގެ އާމްދަނީ އަކީ 43 މިލިއަން އެމެރިކާ ޑޮލަރެވެ.

ލަމީން ޔަމާލް އަށް ބާސެލޯނާ އިން ލިބެމުންދާ މުސާރައިގެ އިތުރުން ސްޕޮންސަރޝިޕްގެ ގޮތުގައި ބީޓްސް ބައި ޑްރޭ އާއި ކުޅިވަރު ސާމާނު އުފައްދާ މަޝްހޫރު ބްރޭންޑް ކަމުގައިވާ އެޑިޑާސްގެ އިތުރުން ކޮނާމީ އާއި ޕަވަރޭޑް ހިމެނެ އެވެ.

ފޯބްސްގެ ލިސްޓުގެ އެއްވަނައިގައި އޮތީ އާމްދަނީގެ ގޮތުގައި 280 މިލިއަން އެމެރިކާ ޑޮލަރު ލިބޭ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

އުމުރުން 40 އަހަރުގެ ރޮނާލްޑޯގެ އާމްދަނީ އިތުރު ވެފައިވަނީ އޭނާ ސައުދި އަރަބިއްޔާގެ އަލް ނަސްރު އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ދެ އަހަރު ދުވަހަށް އިތުރު ކުރުމުގެ ސަބަބުންނެވެ.

ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ބިލިއަނަރަކަށްވި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދުނިޔޭގެ އެންމެ މުސާރަ ބޮޑު އެތްލީޓުގެ ގޮތުގައި ފާއިތުވެދިޔަ ތިން އަހަރު ވެސް ހިމެނިފަ އެވެ.

މި ލިސްޓުގެ ދެވަނައިގައި އޮތީ ރޮނާލްޑޯ އާއި އެންމެ ވާދަވެރި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އެވެ. އޭނާއަށް އާމްދަނީގެ ގޮތުގައި 130 މިލިއަން ޑޮލަރު ލިބިފައިވާއިރު ތިންވަނައިގައި އޮތް ފްރާންސްގެ ކަރީމް ބެންޒޭމާއަށް ލިބިފައިވަނީ 104 މިލިއަން އެމެރިކާ ޑޮލަރެވެ.

ބެންޒޭމާ އަށް މި ލިސްޓުގެ ތިންވަނަ ލިބިފައިވަނީ ސައުދި އަރަބިއްޔާގެ އަލް އިއްތިހާދަށް އޭނާ ބަދަލުވުމާއި ގުޅިގެންނެވެ.

ފޯބްސްގެ ލިސްޓުގެ ހަތަރު ވަނައިގައި ރެއާލް މެޑްރިޑްގެ ފޯވަޑް ކިލިއަން އެމްބާޕޭ އޮތްއިރު އޭނާއަށް އާމްދަނީގެ ގޮތުގައި 95 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.