މާލެއިން ފުރައިގެން ކ.އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ގެއްލިގެން ހޯދަމުންދިޔަ ތިން މީހުންގެ ތެރެއިން އެކަކު ފެނިއްޖެއެވެ.
ރޭ ދަންވަރު ހިނގި މިހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓުކާޑުން ދަނީ ކުރަމުންނެވެ. މިހާތަނަށް ގެއްލުނު 3 މީހުންގެ ތެރެއިން އެކަކު ފެނިފައިވާއިރު، އެމީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކަނޑުގެ އަޑިން ނަގާފައެވެ. އަނެއް ދެމީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެމްއެންޑީއެފުން ވިދާޅުވީ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ އެ އުޅަނދު ބަންޑުން ޖަަހާލިއިރު އޭގައި 7 މީހުން ތިބި ކަމަށެވެ.
ކޯސްޓްގާޑުގެ ޑައިވަރުން މިހާރުވެސް އެސަރަހައްދުގައި ހަރަކާތްތެރި ވަމުންދާއިރު ލޭންޑިންގ ކްރާފްޓް އަޑިއަށް ގޮސްފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.
މި އުޅަނދު ދަތުރުކުރީ ރީތިރަށް ރިސޯޓު ކައިރީ އޮންނަ ކ.އެރިޔަދޫ އަށް ކަމަށް މައުލޫމާތުލިބިފައިވާ ކަމުގައި އެމްއެންޑީއެފްއިން ވިދާޅުވެއެވެ. ބަންޑުން ޖަހާލި އެ އުޅަނދަކީ ދިގުމިނުގައި 100 ފޫޓު ހުރި އުޅަނދެކެވެ. އެ އުޅަނދުގެ ކައިރީގައި ސިފައިންނާއި މެރިން ފުލުހުން އަންނަނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާއިރު، މޫސުމަށް ސަމާލުވުމަށް ކަމާގުޅޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.