މާލެ ރީޖަނަލް ލީގް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ފަހަތުން އަރާ ޔުނައިޓެޑް ހެންވޭރިއަންސް ބަލިކޮށް ބިސްބުރު ސްޕޯޓްސް ކްލަބުން ފެށުން ރަނގަޅުކޮށްފިއެވެ.
ދެވަނަ ބުރުގައި ދެ ޓީމުވެސް ކުޅުނު ފުރަތަމަ މެޗުން ބިސްބުރު ކުރި ހޯދީ 2-1 އިންނެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ހެންވޭރިއަންސް އިންނެވެ. މި ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ޖަހައިދިނީ އިޒާން ޝާހިދެވެ.
ގޯލެއްގެ ލީޑަކާއެކު ކުޅެމުންދިޔަ ހެންވޭރިއަންސްއަށް މެޗުން ނަތީޖާއެއް ނެރުމުގެ އުއްމީދު އިތުރުވެގެންދިޔައީ މެޗުގެ 45 ވަނަ މިނެޓުގައި ބިސްބުރުގެ ބިދޭސީ ފޯވާޑް އާމިރު ޝޮއިބްއަށް ދެއްކި ރަތްކާޑާއެކުއެވެ.
ކުޅުންތެރިއެއް މަދުކޮށް ކުޅެމުންދިޔަ ބިސްބުރު ޓީމުންވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިއާ މަޙްމޫދު އަޝްރަފެވެ.
ފުރަތަމަ ހާފްގައި ފެނިގެންދިޔަ ދެ ލަނޑުގައިވެސް ފާހަގަކުރެވުނީ 2 ޓީމުގެވެސް ފަހަތަށް ކުޅެމުންދިޔަ ކުޅުންތެރިންނަށް ހެދު މިސްޓޭކްތަކެވެ. ދެ ޓީމުންވެސް ލަނޑު ޖެހީ އިދިކޮޅު ޓީމުން ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައިގެންނެވެ.
މެޗުގެ ދެވަނަ ހާފް އެއްކޮށް ކަހަލަ ގޮތަކަށް ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ ހެންވޭރިއަންސް އިންނެވެ. އެހެންނަމަވެސް ކައުންޓަރގައި ލިބޭ ފުރުސަތުތަކުގެ ބޭނުންހިފާ ބިސްބުރު ޓީމުން ނުރައްކާ ކުރަމުންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ކުޅުންތެރިއެއް މަދުކޮށް ކުޅެމުންދިޔަ ބިސްބުރު ޓީމުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގީ މެޗުގެ 75 ވަނަ މިނެޓުގައި މުހައްމަދު ނަޝީދު ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މިނަތީޖާ އާއެކު ލީގު ބުރުގައި ކާމިޔާބު ހޯދުމަށް ބިސްބުރު ޓީމުން މިވަނީ މުހިއްމު ފިޔަވަޅެއް ކުރިއަށް އަޅާފައެވެ.