ކުޅިވަރު

މެސީގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަނީ


އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، އޭނާގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އޭނާގެ ނަމުގައި ބާއްވާ މުބާރާތުގެ ފެށުން އޮންނާނީ މި އަހަރުގެ ޑިސެމްބަރު މަހު އެމެރިކާގެ ފްލޮރިޑާގައެވެ. މީގެ ފަހުން ކޮންމެ ޑިސެމްބަރަކު ބާއްވާ މުބާރާތުގައި ބައިވެރިކުރަނީ 16 އަހަރުން ދަށުގެ ޓީމުތަކެވެ.

މި ގޮތުން މި އަހަރުގެ މުބާރާތުގައި ވާދަކުރާނީ މެސީ އެންމެ ގިނަ ދުވަހު ކުޅުނު ކުލަބު ކަމަށްވާ ސްޕޭނުގެ ބާސެލޯނާ އާއި އޭނާ ކުޑައިރު ކުޅުނު އާޖެންޓީނާގެ ނިއުވެލްސް އޯލްޑް ބޯއީސް އާއި ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑާއި އިޓަލީގެ އިންޓަމިލާނާއި އިނގިރޭސިވިލާތުން މެންޗެސްޓާ ސިޓީ އާއި ޗެލްސީ އަދި އާޖެންޓީނާއިން ރިވަޕްލޭޓް އާއި މެސީ މިހާރު ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މިއާމީ އެވެ.

އޭނާ ކުޅުނު ކުލަބުތަކުގެ ތެރެއިން ފްރާންސްގެ ޕީއެސްޖީ އަށް ދައުވަތެއް ނުދެ އެވެ.

މި މުބާރާތާ ބެހޭ ގޮތުން މެސީ އޭނާގެ އިންސްޓަގްރާމުގައި ބުނެފައިވަނީ މިއީ ކުރިމަތުގެ ތަރިން އެއްތަނަކުން ބައްދަލުވާނެ މުބާރާތް ކަމަށާއި މި މުބާރާތަކީ ތަރިން އުފައްދަން ބާއްވާ މުބާރާތެއް ކަމަށެވެ.

މުބާރާތް އޮގަނައިޒް ކުރަން ހަވާލުކޮށްފައިވަނީ މެސީ ޕްރޮޑަކްޝަން ކުންފުނި 525 ރޮސާރިއޯއާ އެވެ.
މުބާރާތް ބާއްވާނީ ޑިސެމްބަރު 9 އިން 16 އަށެވެ. ޖުމުލަ މުބާރާތުގައި 16 މެޗު ކުޅޭނެ އެވެ.